ވިޔަފާރި

2 ވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުން


މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުމާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެމްއެމްއޭއިން ނެރެފައިވާ ކުއާޓްލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުމާ ކުރިމަތިލާންޖެހުނީ ރިސޯޓްތަކުގެ އޮފް ސީޒަން ދުވަސްވަރާ ދިމާވުމުންކަމަށެވެ. އެގޮތުން ދެވަނަ ކުއާޓަރުގައި ރިސޯޓްތަކަށް ލިބުނު އާމްދަނީ 100 އިންސައްތަ ދަށްވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓްގައިވެއެވެ.

އެމްއެމްއޭގެ ރިޕޯޓްގައި އޮފް ސީޒަން ދުވަސްވަރާ ދިމާވުމުން، ދެވަނަ ކުއާޓަރުގައި ރިސޯޓް ބުކިންވެސް 86 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ.

ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުމާ ކުރިމަތިލާންޖެހިފައިވާއިރު، ޖުލައިމަހުން އޮގަސްޓްމަހުގެ ނިޔަލަށް ކުރިއަށްދާ މިއަހަރުގެ 3 ވަނަ ކުއާޓަރުގައިވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންވާނޭކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. ނަމަވެސް އޮކްޓޫބަރުމަހު ފަތުރުވެރިކަމުގެ ސީޒަން ފެށުމާއެކު އަނެއްކާވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތައްވެސް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ދާއިރާގެ ވާދަވެރިކަން ކުޑަވުމާއި، ތަމްރީން ލިބިފައިވާ މުވައްޒަފުން މަދުވުމާއި ދާއިރާގައި ދިވެހިން މުވައްޒަފުން މަދުވުން ހިމެނެއެވެ.