ވިޔަފާރި

އުރީދޫ މޯލްޑިވްސްއަށް 491 މިލިއަން ރުފިޔާގެ އާމްދަނީއެއް


ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 491 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ދެވަނަ ކުއާޓަރުގައި 491 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރު އަދަދެއްކަމަށެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ލިބުނު އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޕޯސްޓްޕެއިޑާއި ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ 491 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ފައިދާގެ ގޮތުގައި އެކުންފުންޏަށް 131 މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިއީ 27 އިންސައްތައިގެ އިތުރުވުމެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއިން ރަނގަޅު އާމްދަނީއެއް ހޯދާފައިވާއިރު، އައު ޚިދުމަތްތަކެއްވެސް އެކުންފުނިން ވަނީ މިދިޔަ ކުއާޓަރުގައި ތަޢާރަފްކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަލަށް ތަޢާރަފްކުރި އީ-ސިމްގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން އުރީދޫގެ ސުޕަރ ނެޓްގެ ޚިދުމަތްވެސް ވަނީ އިތުރު ރަށްތަކުގައި ލޯންޗުކޮށްފައެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް އުރީދޫ މޯލްޑިވްސްއިން ވަނީ ދެވަނަ ކުއާޓަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.