ވިޔަފާރި

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް އެލައިޑް


މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ސިލްވަރ ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާޒްއެވެ. އަދި މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ފަރާތުން ސޮއިކުރެއްވީ އެވޯޑް އިންތިޒާމްކުރާ މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.

މިއަހަރުގެ އެވޯޑްގެ ސިލްވަރ ޕާޓްނަރަކަށް އެލައިޑް ހަމަޖެއްސުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެލައިޑްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަފާޒް ވިދާޅުވީ، ޓްރެވެލް އެވޯޑްސްއަށް އެލައިޑުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. އެހެންކަމުން މިފަހަރުގެ ސިލްވަރ ޕާޓްނަރަކަށް އެލައިޑް ހަމަޖެއްސުމުން އެކަމަށް މަޓާޓޯއަށް ޝުކުރުއަދާކޮށް، އެވޯޑް ހަފްލާ ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިއުމަށް އެލައިޑްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވަނީ އެލައިޑުން އަބަދުވެސް ޓްރެވެލް އެވޯޑްސްއަށް ދެމުންއަންނަ އެހީއަށް ޝުކުރު އަދާކޮށްފައެވެ. މިފަހަރުވެސް ގެސްޓްހައުސް އެޑިޝަންއާއީ ގާލާ ބާއްވާއިރު ގެސްޓްހައުސް އެޑިޝަން މިއަހަރުވެސް ބާއްވާނީ އަތޮޅުތެރޭ ރަށެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން އިފްތިތާހްކޮށްފައިވަނީ މޭމަހުގެ ތެރޭގައެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 8 ވަނަ އަހަރެވެ.