ކުޅިވަރު

މާޒިޔާ ޔޫތު ޓީމު އިންޑިއާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި


އިންޓަނޭޝެނަލް ކަޕް އޮފް ޖޯއީގެ ޔޫތް މުބާރާތުގެ ޗެމްޕއަންކަން މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމް ހޯދައިފިއެވެ.

މާޒިޔާގެ ޔޫތް ޓީމް މުބާރާތުގެ ޗެމްޕިއަންކަން ހޯދި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ބެންގަލޫރު އެފްއޭއާ ވާދަކޮށް 3-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މާޒިޔާއިން މެޗު ކާމިޔާބުކުރީ ބެންގަލޫރު އެފްއޭއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެންނެވެ. މެޗުގައި މާޒިޔާގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ މުޙައްމަދު އިޔާން އަދި ޢަބްދުﷲ ރިފާހުއެވެ. އެގޮތުން މުޙައްމަދު އިޔާން ވަނީ މި މެޗުގައި ދެ ލަނޑު ޖަހާ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.

މާޒިޔާ މުބާރާތުގެ ފައިނަލަށް ދިޔައީ މިއަދު ހެނދުނު ކުޅުނު ސެމީފައިނަލު މެޗުގައި އިންޑިޔާގެ އައި ލީގުގައި ވާދަކުރާ ޓީމެއް ކަމަށްވާ ޗެންނާއީ އެފްސީގެ އެކަޑަމީ 2-1 ލަނޑުން ބަލިކުރުމަށްފަހުއެވެ. މި މެޗުގައި މާޒިޔާއިން ކުރިހޯދީ ޗެންނާއީ އެފްސީ ލަނޑެއް ޖަހާފަވަނި ކޮށް ފަހަތުން އަރައި ދެ ގޯލް ޖަހައިގެންނެވެ. މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހަންމަދު އިޔާންގެ އަދި ޔޫޝައު ބިން އަލީ ނަޝީދުއެވެ.

މި މުބާރާތަކީ އިންޑިޔާގެ ޒުވާން ކުޅުންތެރިންނަށް އިތުރު ފުރުސަތަތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރިޔަށްގެންދާ މުބާރާތެކެވެ. އެގޮތުން އިންޑިޔާއިން އަންނަނީ އެޤައުމު ކްލަބްތަކުގެ އެކަޑަމީތައް ހަރުދަނާ ކޮށް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިހާރު ޔޫރަޕްގެ ބޮޑެތި ކުލަބްތަކުގެ އެކަޑަމީތައްވެސް އިންޑިޔާގައި ވަނީ ގާއިމް ކޮށްފައެވެ. މުބާރާތުގައި އިންޑިޔާގެ މަޝްހޫރު ބެންގަލޫރު އެފްސީގެ އެކެޑިމީވެސް މީގެ ކުރިން ކުޅެފައެވެ. މިއަހަރުގެ މުބާރާތުގައި އިންޑިޔާގައި ހިމެނޭ ބައިނަލްއަގުވާމީ އެކަޑަމީތަކުގެ އިތުރުން އައި ލީގުގެ ޓީމްތަކުގެ އެކެޑަމީތައް ވެސް ވާދަކުރެއެވެ.