2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބައްވާއިރު ކުޅިވަރުތަކުން ހޯދާ މެޑަލްތަށްވެސް އިތުރުވާން ޖެހޭކަމަށް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއަރމަން ހުސެއިން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރީޔޫނިއަންގައި 2015ވަނަ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިންވަނީ 8 މެޑަލް ހޯދާފަ އަދި މިއަހަރުގެ ގޭމްސްގައި ރާއްޖެއިންވަނީ 15 މެޑަލް ހޯދާފައެވެ. 2015ވަނަ އަހަރު ރާއްޖެއަށް ލިބުނީ އެންމެ ރަން މެޑައްޔެއް ނަމަވެސް މިއަހަރު ރާއްޖެއިންވަނީ 4 ރަން މެޑަލް ހޯދާފައެވެ. 2023ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު، ހުސައިން މުހައްމަދު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަކީ ހަމައެކަނި ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކުރުންނޫންކަމަށާއި ރާއްޖޭގައި 2023ވަނަ އަހަރު ގޭމްސް ބޭއްވޭއިރު ރާއްޖޭގެ ޓީމްތަކުން ވަރަށް ރަގަނޅު ނަތީޖާތަކެއް ނެރެންޖެހޭކަމެއްކަމަށެވެ.
"ކޮންމެ އަހަރަކުވެސް އެގައުމްއެއްގައި އައިއޯއައިޖީ ބައްވާއިރު މަޑަލް އިތުރުވާކަން ފާހަގަކޮށްލެވޭ. މިއީ ރާއްޖެއިންވެސް ވަރަށް ރަގަނޅަށް ބަލަންޖެހޭކަމެއް. މިހާރުއްސުރެއް ވާހަކަދައްކައިގެން، އެސޯސިއޭޝަންތަކުން މަޝްވަރާކޮށްގެން މެޑަލްއަށް މަސައްކަތް ކުރުން ވަރަށް މުހިންމު. ޓީމް ސްޕޯޓްސްތަކުންވެސް މެޑަލްއަށް އަމާޒް ހިފައިގެން ކުރިއާލައި މަސައްކަތްކުރުން ވަރަށް މުހިންމު. ޓޭބަލް ޓެނިސް އަދި ބެޑްމިންޑަން މިފަހަރު އެކަން ވަރަށް ރަގަނޅަށް ދައްކުވައިދީފައިވޭ. ދުރާލާ މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނެކަން މިޓީމްތަކުންވަނީ ޔަގީންކޮށްދީފަ. 2023ވަނަ އަހަރަށް މިހާރުއްސުރެއް އެސޯސިއޭޝަންތަކުން އެބަޖެހޭ މަސައްކަތްކުރަން." ހުސެއިން މުހައްމަދު ބުންޏެވެ.
2015ވަނަ އަހަރު ރީޔޫނިއަންގައި އައިއޯއައިޖީ ބޭއްވި ފަހަރު އެގައުމުންވަނީ 84 ގޯލްޑް މެޑައްޔާއި 75 ސިލްވަރ މެޑަލް އަދި 53 ބުރޯންޒް މެޑަލް ހޯދާފައެވެ. މިފަހަރު މޮރީޝަސްގައި މުބާރާތް ބާއްވާފައިވާއިރު އެގައުމްއިންވަނީ 92 ގޯލްޑް މެޑަލް، 78 ސިލްވަރ މެޑަލް އަދި 53 ބުރޯޒް މެޑަލް ހޯދާފައެވެ. މުބާރާތް ބައްވާ ގައުމްތަކުން ގިނަ މެޑަލްތަކެއް ކޮންމެ އަހަރަކުވެސް ހޯދާފައިވާއިރު 2023ވަނަ އަހަރު ރާއްޖޭގައި މިގޭމްސް ބާއްވާއިރު ރާއްޖެއިންވެސް ގިނަ މެޑަލްތަކެއް ހޯދުމަށް އަމާޒް ހިފެންޖެހޭކަމަށާއި އެކަމަށްޓަކައި އެސޯސިއޭޝަންތަކުން މިހާރުވެސް މަސައްކަތް ކުރަންޖެހޭކަމަށް ހުސެއިން ވިދާޅުވިއެވެ.