ޚަބަރު

އަދީބު ފިލަން އެރި, ޓަގު ބޯޓުގެ މައްސަލަ ފުލުހުން ބަލަންފަށައިފި


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން މަސައްކަތްކުރި ޓަގު ބޯޓާގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބު ފިއްލަވައިގެން އިންޑިޔާއަށް ދަތުރުކުރެއްވި ވަރގޯ-9 ނަމަކަށްކިޔާ ޓަގު ބޯޓުގެ މައްސަލަ ތަޙްޤީގު ކުރަމުން ގެންދާކަމަށާ، އެތަޙްޤީގުގެ ބޭނުމަށް ޓަގުބޯޓު ރާއްޖެ އައުމުން ހިފަހައްޓާފައިދިނުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އެދިފައިވާކަމަށެވެ.

ނަމަވެސް މިމައްސަލައިގެ ތަޙްޤީގަށް މިހާތަނަށް އެޓަގު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފުލުހުންވަނީ ހާމަކުރައްވާފައެވެ. އަދީބު އިންޑިއާއަށް ދަތުރުކޮށްފައިވަނީ ސިންގަޕޫރުގައި ރެޖިސްޓްރީކޮށްފައިވާ ވަރގޯ-9 ނަމަކަށް ކިޔާ ޓަގު ބޯޓެއްގައެވެ. މިއީ މިދިޔަމަހުގެ 11ވަނަ ދުވަހު ހިލަވެލި ބަރުކޮށްގެން ރާއްޖެ އައިސްފައިވާ އުޅަނދެކެވެ. އެޓަގު ބޯޓުގައި 9 މީހުން ރާއްޖެއަށް އައިސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތަކާއި އިންޑޮނޭޝިއާގެ 8 ރައްޔިތުންނެވެ.

ޤަވާއިދާ ޚިލާފަށް އިންޑިއާއަށް އެތެރެވާން އުޅޭކަން ފަޅާއަރާފައިވަނީ ޓަގު ބޯޓުގައިހުރި އިންޑިއާގެ ރައްޔިތެއްގެ ފަރާތުންކަމަށް އެޤައުމުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

ފިއްލައިވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން އަނބުރާ މާލެ ގެންނެވުމަށްފަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު ހައްޔަރުކޮށްގެން މާލެ ގެންނަވައި، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. އެހެން ނަމަވެސް އޭގެ ހަތަރު ގަޑިއިރެއްހާއިރު ފަހުން ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކުރުމުން ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.