ޚަބަރު

ޤާޟީ ހައިލަމާއި އިތުރު ދެފަނޑިޔާރަކު ޖޭއެސްސީއަށް ވާދަކުރައްވަނީ


ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް ހިމެނޭހެން ތިން ފަނޑިޔާރަކު ވާދަކުރައްވައިފިއެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ ފަނޑިޔާރަކު އިންތިޚާބު ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 24 އޮގަސްޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމާއެކުއެވެ.
މި އިންތިޚާބުގައި، ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށް ކެންޑިޑޭޓުންގެ ނަންތައް ޢާންމުކޮށް އިޢުލާން ކުރައްވާފައިވާއިރު، އިންތިޚާބުގައި، ވާދަކުރަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމްގެ އިތުރުން، ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ޢަލީ ޝަރީފް އާއި ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުއްރައްޒާޤު މުޙައްމަދު ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މިއިންތިޚާބުގެ ވޯޓުނެގުން ކުރިއަށްދާނީ 2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00އިން ހަވީރު 17:00 އަށެވެ.

މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވަނީ 178 ފަނޑިޔާރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މިއިންތިޚާބުގައި މާލޭގައި ބާ ޖަމާލުއްދީގައިވޯޓުލުން ކުރިއަށްދާއިރު ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ވޯޓްލާ ދުވަހު އިއުލާން ކުރައްވާނެކަމަށާއި، ދާއިމީ ނަތީޖާ އޮގަސްޓް 25 ވަނަ ދުވަހު އިއުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވިއެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކު ހޮވުމަށް އިންތިޚާބު ބާއްވަން ހަމަޖހެިފައި މިވަނީ، މިހާރު އެމެންބަރުގެ ގޮތުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު ހަމަވާތީއެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު 10 މެންބަރުންނެވެ.