ތަޢުލީމީ ފެންވަރު ކުރިއެރުވުމަށް މަގުފަހިކުރުމާގުޅޭ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި "ޑްރީމް އައިލެންޑްސް ޑިވެލޮޕްމަންޓު 2 ޕްރައިވެޓް ލިމިޓެޑް"އިން ސޮއިކޮށްފިއެވެ.
ކްރޮސްރޯޑްސްގައި އޮތް ރަސްމިއްޔަތެއްގައި ޤައުމީ ޔުނިވަރިސޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.ފަވާޒު ޝަރީފްއެވެ.
މި އެއްބަސްވުމުގެ ދަށުން ދެފަރާތަށް މަންފާއާއި ޝައުގުހުރި ކަންކަމާ ދޭތެރޭ ދިރާސާކުރުމާއި މިއާ ގުޅޭ ލިޔުންތަކާއި ރިޕޯޓްތައް ހިއްސާ ކުރުމާއި އިތުރު ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދަރިވަރުންނަށް އިންޓަރންޝިޕްގެ ފުރުޞަތު ހޯދައިދިނުމާއި ދަރިވަރުންނާއި މުވައްޒަފުންނަށް ޚާއްސަކޮށްގެން އެކިއެކި ޕްރޮގްރާމްތަކާއި ކޯސްތަކާއި މަސައްކަތު ބައްދަލުވުންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ފަވާޒު ޝަރީފް ވިދާޅުވީ މި އެއްބަސްވުގެ ދަށުން ދަރިވަރުންނަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ދިރާސާ ކުރުމަށާއި ދިރަސާ ކުރުމުގެ ކޯސްތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކްރޮސްރޯޑްސްގެ ވައިސް ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސް މާޓިން ވޭން ޑިއާ ރެޖްޑެޔޫ ވިދާޅުވީ ކްރޮސްރޯޑްސްއާއި ސިންހާ އެސްޓޭޓުގެ ފަރާތުން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރިސިޓީއާ ދެމެދު މިފަދަ މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ކުރުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި ތަޢުލީމީ ފެންވަރު މަތިކުރުމުގެ ގޮތުން ދެފަރާތަށާއި މުޖުތަމަޢުއަށް ފައިދާ ކުރާނެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ މި އެއްބސްވުމުގެ ދަށުން ދިރާސާތަކުގެ ފެންވަރު މަތިކޮށް ތަޢުލީމީ ރޮނގުން ކުރިއަރާދިޔުމަކީ އެ ޔުނިވަރިސިޓީގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި އެހެނިހެން މައުހަދުތަކާއި ޖަމްޢިއްޔާތަކާއި ގުޅިގެންވެސް މީގެ ކުރިންވެސް މިފަދަ ހަރަކާތްތައް ހިންގާފައިވާކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ތަޢުލީމީ ދާއިރާއިން އެހީތެރިކަން ފޯރުކޯށްދީ ކުންފުނީގެ ތަޖުރިބާ ހިއްސާކޮށް ތައުލީމީ ފެންވަރު މަތިކުރުމެވެ.
ޑްރީމް އައިލެންޑްސް ޑިވެލޮޕްމަންޓު 2 ޕްރައިވެޓް ލިމިޑެޓްއަކީ ސިންހާ އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓެޑްގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.