ޚަބަރު

އެއްބާރު އަނެއްބާރަށް ނުފޫޒެއްނެތި ތިންބާރު ވަކިވެގެން ދައުލަތް ހިންގާތަން މިފެންނަނީ އަދިކިރިޔާ - ޝިފާޒް


ދިވެހިން ބަލައިގެންފައިވާ ރިޔާސީ ނިޒާމުގައިވާ ގޮތަށް ތިން ބާރު ވަކިވެގެން ދައުލަތް ހިންގާތަން ފެންނަން މިފެށީ އަދިކިރިޔާކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ އެކްސްކްލޫސިވް ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައިވާ ޝިފާޒް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިންގާކަމަށް ބުނެ ބަޔަކު ވާހަކަދައްކާނަމަ އެއީ މަޖިލީހުގެ މަސައްކަތްތައް ރަނަގަޅަށް އެނގިނުލައްވާތީ ދެއްކޭ ވާހަކަތަކެއްކަމަށެވެ.

ޝިފާޒް ވިދާޅުވީ ސަރުކާރު ހިންގަވަނީ ދައުލަތުގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ މަތީންކަމަށާއި، ޤައުމުގެ ކަންކަން އިސްލާޙްކޮށް ހަރުދަނާކުރެއްވުމަށް ރައީސް ޞާލިޙް ކުރައްވާ މަސައްކަތްޕުޅު އެންމެ ގާތުން ފެންނަ މީހަކަށް އެމަނިކުފާނުވެސް ވެވަޑައިގަންނަވާނެކަމަށެވެ.

"ހަމަ ބަރާބަރަށް މިނިސްޓްރީތައް ހިނގާގޮތާއި، އަދި މުޅު ދައުލަތުގެ ކަންކަން ހިނގަމުންދާގޮތާއި، ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުގައި އަވަދިނެތި އުޅުއްވަނީ. އެދައްކަނީ އޭގެމައްޗަށް އަސްލެއްއޮތް ވާހަކައެއް ނޫން. 25 އަހަރު ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރެއްވި ބޭފުޅެއް ރައީސުލްޖުމްހޫރިއްޔާއަކީ. އަނެއްކާ އެބޭފުޅުން 2008 ގައި ކުރި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ލިބުނީ. އަޅުގަނޑުމެންނަކީ އައު ބައެއްނޫން. އެމްޑީޕީ އަލެއް ނުވާނެ ވެރިކަން ކުރަންވެސް، އިދިކޮޅު ޕާޓީގެ ގޮތުގައި އޮންނާކަށްވެސް" ޝިފާޒް ވިދާޅުވިއެވެ.

ސަރުކާރު ރަނގަޅަށް ރީތިކޮށް ހިންގާއިރު ސަރުކާރު ހިންގާ މައި ޕާޓީން މަޖިލީހުންގެ ތެރެއިން ސަރުކާރަށް ބޭނުންވާ ކަންކަން ފަހިކޮށްދޭނެކަމަށާއި، އެއީ މަޖިލީހުން ސަރުކާރު ހިންގަނީއޭ ދެންނެވެން ނޯންނާނެކަމަށެވެ. ރިޔާސީ ނިޒާމަކީ އެއްބާރު އަނެއް ބާރަށް ފާރަވެރިވެގެން ހިންގާ ނިޒާމެއްކަމަށާއި މިނިޒާމުގެ ތެރެއިން އެއް ބާރު އަނެއްބާރަށް ޖެއްސުންކުރުން ނޯންކަމުގައި ވިދާޅުވެ މަޖިލީހުގެ ދައުރާއި، ސަރުކާރުގެ ދައުރުވެސް އެދެބާރުން ފުރިހަމައަށް އަދާކުރާތަން މިހާރު ފެންނަމުންދާނެކަމުގައި ޝިފާޒް ވިދާޅުވިއެވެ.

"ބައްލަވާ މި ޤާނޫނު އަސާސީގެ ދަށުން މިނޫނީ ފުރުސަތެއް ނުލިބޭ ރީތިކޮށް ދައުލަތެއް ހިންގާގޮތް ފެންނާކަމަށް. އެެެހެންވީމަ މިލިބުނު ފުރުސަތުގައި މިދަނީ އެކަން އަސްލު ރައްޔިތުންނަށް ހާމަވަމުން އަންގަމުންދާއިރުގައި އިދިކޮޅު ފަރާތެއް ނެތުނީމާ، ޕްލޭނެއް އަދި ނެތުނީމާ އެބޭފުޅުންގެ އަޒުމެއް ހިތްވަރެއް، ކުރާނެކަމެއް ނެތުނީމަ ދެން އެވާހަކަ އެބޭފުޅުން ދައްކަނީދެން އެކިގޮތްގޮތަށް" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒް ވިދާޅުވީ ކޯޓުތަކުގެ މަސައްކަތްތައް ބައްލަވަނީ ޝަރުޢީ ދާއިރާއިންކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެމަޖިލީހުގެ މެންބަރަކު އިންނަވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ މަޖިލީހުން ޝަރުޢީދާއިރާ ހިންގުންކަމަށް ދެކޭނެތަނެއް ނެތްކަމަށެވެ.

އެހެން ނަމަވެސް އެމް.ޑީ.ޕީން ރައްޔިތުންގެ ގާތު ވަޢުދުވީފަދައިން ޖުޑިޝަރީ އިސްލާޙުކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުސޫލުތަކާއެއްގޮތްވާ ގޮތުގެ މަތީން ކުރިއަށްގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޝިފާޒް ވިދާޅުވިއެވެ.