ޚަބަރު

ޒުވާނުންނާ ގުޅޭ ގިނަ މައްސަލަތަކެއް އެބަހުރި، ޙައުލުކުރުމަށް ވަގުތު ބޭނުންވޭ - ޔޫތް މިނިސްޓަރ


ރާއްޖޭގައި ހުރި ޒުވާނުންނާ ގުޅޭ ތަފާތު މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރަން ސަރުކާރުނަ މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެކަމަށް ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މަޚްލޫފް ވިދާޅުވީ ޒުވާޏުންނާއި ގުޅޭ ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެއީ ޙައްލުކުރަން ޖެހިފައިވާ މުހިއްމު މައްސަލަތަކެއްކަމަށެވެ. ޒުވާނުންނާއި ގުޅޭ މައްލަތައް އަޅާނުލެވި ދޫކޮށްލެވިފައި ހުރިކަން ފާހަގަކުރައްވައި މަޚްލޫފްވަނީ ޒުވާނުންނާއި ގުޅޭ ކަންކަން ހައްލުކުރުމަށް، ކުޅިވަރުގެ ތެރެއިންނާއި، އެނޫންވެސް ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން ގިނަކަންކަން ރާވަމުންދާކަމަށެވެ.

"ވަރަށް ގިނައިން އަޅުގަނޑާދިމާއަށްވެސް އަންނާނެ ފާޑުކިއުން، މަޚްލޫފް އުޅޭނީ ހަމައެކަނި ކުޅިވަރާއިގެންނޭ. އަޅުގަނޑު ގަބޫލުކުރަން ކުޅިވަރަކީ ވަރަށް މުހިއްމު އެއްޗެއް. ހަމައެެންމެ ކުޅިވަރުގެ ތެރެއިން ރަނގަޅު ޙައްލުތަކެއްވެސް ގެނެސްދޭނެ ކަމެއް. ހަމައެއާއެކީގައި އަޅުގަނޑުމެން ކުރާކަމަކީ ހަމައެކަނީ ކުޅިވަރު ހިންގުމެއް ނޫން އޭގެއިތުރުން ޒުވާނުންނާއި ގުޅޭ ކަންކަން ހައްުލުކުރުމަށް އިތުރު ޕްރޮގްރާމްތައް ހިންގުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން" ޔޫތް މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަޚްލޫވަނީ ސަރުކާރުން ޒުވާނުންގެ ކުރިއެރުމާއި ބާރުވެރިކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޒުވާނުންނާއި ގުޅިގެން ޒުވާނުންގެ މަޝްވަރާއާއެކު ގިނަ ކަންތައްތަކެއް ހިންގުމަށް މަސައްކަތްކުރައްވަމުންގެންދަވާކަންވެސް މިޖަލްސާގައި ފާހަގަކުރައްވާފައެވެ.

ވެލިދޫގައި ބޭއްވި މިޖަލްސާގައި ޒުވާނުންގެ ކަންތައްތަކާބެހޭ އދ. ގެ ޚާއްސަ މަންދޫބު ޖަޔަތަމާ ވިކްރަމަނަޔަކެ ބައިވެރިވެވަޑައިގެންނެވިއެވެ. ޖަލްސާގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޖަޔަތަމާ ވަނީ ޅަފަތުގެ ތަޢުލީމުގެ މުހިންމުކަމާއި މުސްތަޤްބަލް ބައްޓަންކުރުމަށް ތަޢުލީމު ހާސިލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިދާއިރާއިން ރާއްޖެ ހޯދާފައިވާ ކުރިއެރުއެރުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ޒުވާނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އދ. އިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ޤައުމީ ޒުވާނުންގެ މަޖިލީހުގެ ރައީސް ޙަސަން ފަރުހާން މުޙައްމަދު ވިދާޅުވީ ސަރުކާރުން ވެރިކަމާއި ހަވާލުވެ ޒުވާނުންގެ މަޖިލީހެއް އުފެއްދެވުމަކީ ޒުވާނުންގެ ކަންކަން ކުރިއަރުވައި ޒުވާނުންނަށް އިސްކަންދޭކަން ފާހަގަވާކަމެއްކަމަށެވެ. އަދި މިކަމުން ޒުވާނުންގެ ކަންކަން ނިންމުގައި ޒުވާނުންގެ މަޝްވަރާއާއި ޚިޔާލުހޯދުމަށް ސަރުކާރުން މަސައްކަތްކުރާކަން ހާމަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޒުވާނުންގެ މަޖިލީހުން ދިވެހި ޒުވާނުންނާއެކު މަސައްކަތްކޮށް ޒުވާނުންގެ އަޑު އުފުލާނެކަން ހަސަން ފަރުހާން ފާހަގަކުރެއްވިއެވެ. އޭނާ ވަނީ ޒުވާނުންގެ ދުވަހުގެ ހަރާކާތްތަކުގެ ތެރޭގައި ހިމެނިގެން "ތައުލީމީ ނިޒާމް ތަބްދީލުކުރުން" މިޝިޔާރާއި ގުޅުވައިގެން ވެލިދޫގައި ބާއްވާ ޒުވާނުންގެ ހޮޅުވެށި ޕްރޮގްރާމްގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

މިޖަލްސާގައި ވެލިދޫ ރައްޔިތުންގެ ފަރާތުން ވަނީ މިނިސްޓަރ އަޙްމަދު މަޚްލޫފަށާއި، ޒުވާނުންނާ ބެހޭ އދ. ގެ ޚާއްސަ މަންދޫބަށް ހަނދާނީ ޙަދިޔާއެއް އަރުވާފައެވެ.

ކޮންމެއަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަސް ބައިންލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއަހަރުގެ ޝިޔާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ، "ޓްރާންސްފޯމިން އެޑިއުކޭޝަން- ހައިލައިޓްސް އެފޯޓްސް ޓު މޭކް އެޑިއުކޭޝަން މޯރ އިންކްލޫސިވް އެންޑް އެކްސެސަބަލް ފޮރ އޯލް ޔޫތް، އިންކްލޫޑިން އެފޯޓްސް ބައި ޔޫތް ދެމް ސެލްވްސް" މި ޝިޔާރެވެ.