ޚަބަރު

ޕާކިސްތާނުގެ 73 ވަނަ މިނިވަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި


ޕާކިސްތާނުގެ 73 ވަނަ މިނިވަންދުވަސް ރާއްޖޭގައި ހުންނަ އެޤައުމުގައި އެމްބަސީން ފާހަގަކޮށްފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ފަށާފައިވަނީ މިއަދު ބޭއްވި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވައިދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ރިޓަޔަރޑް ވައިސް އެޑްމިރަލް ވަސީމް އަކްރަމް ވަނީ 14 އޯގަސްޓް 1947 ގައި އިނގިރޭސީންގެ އަތްދަށުން ޕާކިސްތާނަށް މިނިވަންކަން ލިބުނުގޮތުގެ މައްޗައް އަލިއަޅުއްވާލައިވައި މުސްލިމް ދައުލަތެއްގެ ގޮތުގައި އެޤައުމަށް މިނިވަންކަން ޤެނައުމަށް ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖަނާޙް އާއި އޭރުގެ ބަޠަން ވެވަޑައިގެންނެވި ޤުރުބާނީގެ ހަނދާން އައުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ވަސީމް އަކްރަމްގެ ވާހަކަފުޅުގައި އެ ޤައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ކަޝްމީރުގެ އަޚުންނާއި އުޚުތުން ތަހަންމަލްކުރަމުންދާ އުނދަގޫތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ކަށްމީރާއެކު ޕާކިސްތާން ރައްޔިތުން އަބަދުވެސް ދެމެތިބޭނެކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރަ ޕާކިސްތާނުގެ ބައެއް ރައްޔިތުން ބައިވެރިވި މިރަސްމިއްޔާތުގައި މިނިވަން ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ދެއްވި ޚާއްސަ މެސެޖެއްވަނީ އިއްވަވާފައެވެ.

މިރަސްމިއްޔާތުގައި ވަނީ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކޭކެއްވެސް ފަޅާފައެވެ. ޕާކިސްތާނުގެ މިނިވަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ.