މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ޙައްޖާޖީން އެނބުރި މާލެ އަންނަން ފަށައިފިއެވެ.
މިއަދު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ޙައްޖަށް ދިޔަ ސާޅިސް ހަތަރު ޙާޖީންނެވެ. ސަޢުދީ އެއަރލައިންއިން ޙައްޖުވެރިން މާލެ އައިސްފައިވަނީ މިއަދު ހަވީރު ހަތަރުގަޑި ހައެއް ހާއިރުއެވެ.
ޙައްޖުވެރިން މާލެއަންނަން ފަށާފައިވާއިރު މިއަދު ހެނދު ވަނީ މިއަހަރުގެ އަމީރުލް ޙައްޖު މިނިސްޓަރ އޮފް ޕްލޭނިން އެންޑް އިންފްރަސްޓްރަކްޗަރ މުޙައްމަދު އަސްލަމްވެސް ރާއްޖެ ވަޑައިގެންފައެވެ.
މިމަހުގެ އަށާވީސްވަނަ ދުވަހު ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ހައްޖަށްދިޔަ ހައްޖުވެރިން މާލެއަންނަންފަށާނެ. މިގޮތުން ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދިޔަ ޙާޖީންގެ ތެރެއިން ތިން ސަތޭކަ ބައްތިރީސް ޙާއްޖީން އަށާވީސްވަނަ ދުވަހުގެރޭ ސަޢުދީގަޑިން ބާރަގަޑި ފަންސަވީހުގެ ފްލައިޓުން ރާއްޖެ އައުމަށް ފުރާނެއެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުންގެ ގެންދިޔަ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ފަހުން މާލެއައުމަށް ހަމަޖެހިފައިވަނީވެސް ހައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙާއްޖަށް ދިޔަ ޙާޖީންނެވެ. އެގުރޫޕުގެ ޙަވާލުގައި ހައްޖަށްދިޔަ ދުއިސައްތަ ފަސްދޮޅަސް ތިން ޙާޖީން މާލެއައުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެއްތިރީސްވަނަ ދުވަހުއެވެ.
މިއހަރު ޙައްޖުކޯޕަރޭޝަން ހިމެނޭހެން 6 ޖަމާއަތެއްގެ ހަވާލުގައި 2000 މީހުން ހައްޖަށް ދިޔައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޙައްޖުވެރިން އެނބުރި މާލެއައުމުން އެއަރޕޯޓުން ބަހުގައި ގްރޭޓަރ މާލެ ބަސްޓަރމިނަލްއަސް ގެނެސްދޭނެކަމަށެވެ.