ޚަބަރު

އެޑިއުކޭޝަން މިނިސްޓްރީއާ ޖެންޑަރ މިނިސްޓްރީއަށް އިތުރު ދެ ސްޓޭޓް މިނިސްޓަރުން އައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދެ މިނިސްޓްރީއަކަށް ސްޓޭޓް މިނިސްޓަރުން ޢައްޔަން ކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމަށް އައްޔަން ކުރައްވައި މިއަދު ފަތްކޮޅު އަރުވާފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީއަށް އައްޔަންކުރެއްވި ދެ ބޭފުޅަކަށެވެ. އެގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ ޢާއިޝަތު ޢާޠިޔާ ނަޞީރެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަންކުރެއްވީ ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާ ޙަސަންއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަޤާމަށް އައްޔަން ކުރެއްވި ޢާއިޝަތު ޢާޠިޔާ ނަޞީރަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިން މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.
ޢާޠިޔާ ނަޞީރު އެންމެ ފަހުން ފުރުއްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރގެ މަޤާމެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާއި ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ޢާތިޔާ ފުރުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަންކުރެއްވި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާއަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. ޒިފްލީނާ މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސް ލޭންޑުންނެވެ.

ޒިފްލީނާ ފުރުއްވާފައިވާ ބައެއް މަޤާމުތަކުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަޤާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރކަމާއި ތަޢުލީމީ ދާއިރާގެ ބައެއް މަޤާމުތައް ހިމެނެއެވެ.