ޚަބަރު

ދިވެހި ބަހުގެ މޯފޮލަޖީ ފޮތުގެ ތަރުޖަމާގެ ފުރަތަމަބައި އެކެޑަމީން ރައީސަށް އަރުވައިފި


ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ދިވެހި ބަހުގެ މޯފޮލަޖީ ފޮތުގެ ތަރުޖަމާގެ ފުރަތަމަ ބައި ދިވެހިބަހުގެ އެކެޑަމީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ދިވެހި ބަހުގެ މޯފޮލަޖީ ފޮތަކީ ސޮންޔާ ފްރިޓްޒް ނަމަކަށްކިޔާ ޖަރުމަނު ވިލާތުގެ ބޭފުޅަކު، 2002 ވަނަ އަހަރު ޝާޢިއުކޮށްފައިވާ އޭނާގެ ޕީއެޗްޑީ ތީސީސްގެ ތަރުޖަމާއެކެވެ. އެ ތީސީސް ބިނާކުރައްވާފައި ވަނީ ދިވެހިބަސް އުފެދި ކުރިއަރައި ދިޔަ ގޮތުގެ މައްޗަށެވެ.

އެވޭލާ އަކުރާއި، ދިވެސްއަކުރާއި، ތާނައިން ލިޔެކިޔުމުގައި ބޭނުންކޮށްފައިވާ ހަމަތައް ދިރާސީ ގޮތެއްގައި މި ދިރާސާގައި ގެނެސްދީފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚާއްޞަ ބަހުރުވަތައް އުފެދިގެން އައިގޮތާއި މައި ބަހާއި އެ ބަހުރުވަތަކާ ހުރި ގުޅުންތައް މި ފޮތުގައި ދިރާސީ ގޮތެއްގައި ގެނެސްދީފައި ވެއެވެ.

މި ފޮތުގައި ދިވެހި ބަހާ ސިންހަޅަ ބަހާއި ހުރި ގުޅުމުގެ މައްޗަށާއި ދިވެހިބަސް އުފެދިގެން އައުމުގައި އައްޑޫ، ފުވައްމުލައް އަދި މާލޭގައި ވާހަކަދައްކަމުން އައި ބަހުރުވަތަކުގެ ނުފޫޒު ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

މިފޮތަކީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ދިވެހި ބަހާއި ބެހޭ ޢިލްމު ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރަމުން އަންނަ ފޮތްކަން ފާހަގަކޮށްލެވެއެވެ.