ޚަބަރު

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ޑރ.ޒާހިރު، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރަކަށް ޑރ.ޙަސަން ޙަމީދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީއަށް ޗާންސެލަރުން އައްޔަންކުރައްވައި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވަނީ ޑރ.މުޙައްމަދު ޒާހިރު ޙުސައިނެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް ޢައްޔަން ކުރައްވާފައިވަނީ ޑރ.ޙަސަން ޙަމީދެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް މިއަދު އައްޔަނު ކުރެއްވި ޑރ.މުޙައްމަދު ޒާހިރު ޙުސައިނަކީ މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ޒާހިރު ޙުސައިނަކީ އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުކަމުގެ އިތުރުން ދައުލަތުގެ އެކިއެކި އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑރ.ޒާހިރު ޙުސައިން އެންމެފަހުން އަދާކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރުކަމުގެ މަޤާމެވެ.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމަށް މިއަދު އައްޔަން ކުރެއްވި ޑރ.ޙަސަން ޙަމީދަކީ މީގެ ކުރިން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަޤާމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރގެ މަޤާމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރކަމަށް މިއަދު ޢައްޔަން ކުރެއްވި ޑރ.ޙަސަން ޙަމީދަކީ މީގެކުރިން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމުގެ މަޤާމާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ރެކްޓަރގެ މަޤާމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.