ޚަބަރު

ސުޕްރީމް ކޯޓާ ގުޅޭގޮތުން ޖޭއެސްސީން ތައްޔާރުކުރި ރިޕޯޓް މަޖިލީހަށް ފޮނުވަން ނިންމަވައިފި


ސުޕްރީމް ކޯޓުން ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުގެ އިޙްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) މިގޮތަށް ނިންމަވާފައިވަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިތުރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިޙްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް އެ ކޮމިޝަނުން ނިންމުމާގުޅިގެން އެކަން ދިރާސާކުރުމަށް އެކުލަވާލެވުނު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ކޮމިޓީން ހުށަހަޅާފައިވާ ގޮތަށް މިއަދު ބޭއްވި ޖޭއެސްސީގެ 54 ވަނަ ބައްދަލުވުމުގައި ފާސްކުރެއްވުމަށްފަހުގައެވެ.

ޖުޑީޝަލް ސަރވިސްކޮމިޝަނުގެ 6 މެންބަރުން ބައިވެރިވަޑައިގެންނެވި މިއަދުގެ ބައްދަލުވުމުގައި އެރިޕޯޓް މަޖިލީހަށް ފޮނުވުމަށް ފާސްކުރެއްވިކަން ހާމަކުރެއްވިނަމަވެސް އެރިޕޯޓްގައިވާ އެއްވެސް މައުލޫމާތެއް ޖޭއެސްސީން މިއަދު ހާމަކުރައްވާފައިނުވެއެވެ.

ސުޕްރީމް ކޯޓުން ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުގެ އިޙްތިސާސްގެ ތެރެއަށް ވަދެފައިވޭތޯ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމަވާފައިވާއިރު އެކޮމިޝަނުން މިދިޔަ މަހުވަނީ އުއްތަމަފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކަށް ނަޞޭޙަތްތެރިވުމަށް ނިންމަވާފައެވެ. އަދި އޭގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކަށް އެކި ސިފަސިފައިގައި ސުޕްރީމް ކޯޓުން ނޭދެވޭ ނުފޫޒު ފޯރުވާފައިވާކަމަށް ޖޭއެސްސީގެ ބައެއް މެންބަރުން ވިދާޅުވެފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސްއަޅާ އަމުރެއްކަމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމެވުމުގެ އިތުރުން އެ ކޮމިޝަނުން މިއަދު ވަނީ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް އާއި ބެހޭގޮތުން އެކޮމިޝަނުން އިސްނަންގަވައިގެން ބައްލާވާފައިވާ ޝަކުވާއާއެކު ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 39 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ނަސޭހަތް ދިނުމުގެ ފިޔަވަޅުއެޅުމަށްވެސް ނިންމަވާފައެވެ.