ޚަބަރު

ޖޭއެސްސީގެ ޤާނޫނަށް އިސްލާޙުގެނައުމަށް މަޖިލީހުން ފާސްކުރި ބިލް ރިވިއުކުރަން ބާ ކައުންސިލުން ނިންމައިފި


ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރިވިއުކުރުމަށް ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެކައުންސިލުން މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ނަމަވެސް މި ބިލް ރިވިއުކުރަމަށް ނިންމީ ސީދާ ކޮން ސަބަބަކާއި ގުޅިގެންކަން އެކައުންސިލުން ހާމަކުރައްވާފައެއްނުވެއެވެ.

ބާކައުންސިލުން މިރޭ ކުރެއްވި ޓުވީޓު

ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު، ހުށަހެޅުއްވި ބިލް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގެނައި ބަދަލުތަކާއެކު މިއަދު ފާސްކުރައްވާފައިވާއިރު، ޖޭއެސްގެ ޤާނޫނަށް މިގެނައި އިސްލާހު ތަސްދީޤުކުރެއްވުމާއެކު، މިހާރު ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވި ޖޭއެސްސީގެ ދަށަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަދަލުވާނެއެވެ. އަދި އެޑިޕާޓްމަންޓުގެ އިދާރީ އެންމެ އިސް މީހަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށާއި އެ މަޤާމަށް މީހަކު އައްޔަން ކުރާނީ ޖޭއެސްސީ އިން ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން މި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމުން މިހާރު ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އެންމެ އިސްކޮން ހުންނެވި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމު ގެއްލޭނެއެވެ. މިހާރު އެ މަޤާމުގައި ހުންނެވީ ޑރ.ޢަބްދުﷲ ނަޒީރެވެ.