ޚަބަރު

ރަށްރަށުގެ ބިމުގެ ކުލީގެ %100 ކައުންސިލްތަކަށް ދޫކުރަން ޤާނޫނަށް އިސްލާޙް ގެންނަވާނަން - ރައީސް


ކައުންސިލްތަކަށް މާލީ ބޮޑެތި މަންފާތަކެއް ލިބޭނެފަދަ ގޮތައް ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެެވެ.

އެމް.ޑީ.ޕީ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމުގެ ރަސްމިޔަތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވީ ދައުލަތުގެ އާމްދަނީގެ 5 އިންސައްތައާއި، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 އިންސައްތައާއި، މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ކުލީގެ 100 އިންސައްތަ ކައުންސިލްތަކަށް ދޫކުރެވޭގޮތަށް ބަދަލުކުރުމަށް ލާމާރުކާޒީ ޤާނޫނަށް އިސްލާޙް ގެންނަން ނިންމަވާފައިވާކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފިކުރެއްކަން ހާމަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، އެ ޕާޓީން ބޭނުންވި ގިނަ ކަންކަން ލާމަރުކަޒީ ނިޒާމުގެތެރެއިން ކައުންސިލްތަކަށް ފަހިކޮށްދެވިފައި ނުވާކަމަށާއި، ރަށު ތަރައްޤީގެ ހުރިހާ ކަމަކަށް އަދިވެސް ބަރޯސާވާންޖެހެނީ މަރުކަޒީ ސަރުކާރަށްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް މިހާރު ކުރައްވަންޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ މާލީ ގޮތުން ލާމަރުކަޒު ކުރުންކަމަށެވެ. އަދި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅި، އެ ރަށެއްގެ މުއްސަނދިކަން އެރަށަކަށް ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުންކމަަށާއި، ޖަޒީރާވަންތަ ދިވެހިރާއްޖެ ތަރައްޤީ ކުރެވޭނީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބިގެންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރުން ބޭނުންވާ، ރައްޔިތުންނަށް އެންމެ ފައިދާހުރި ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރު ޑްރާފްޓް ކުރެވިފައިވާކަމަށާއި، މި ބިލް ހުށައެޅިގެންދާނީ އެމް.ޑީ.ޕީ ކައުންސިލަރުންގެ ކޮންފަރެންސްގައި ކައުންސިލަރުން ހުށަހަޅާ ޚިޔާލުތަކާއި މަޝްވަރާތައްވެސް ހިމަނައިގެން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ލާމަރުކަޒީ ޤާނޫނަށް ހުށައަޅާ އިޞްލާޙުތަކުން ފާހަގަކޮށްލެވޭ މުހިންމު ބައެއް ކަންތައްތައް މިކޮންފަރެންސްގެ ތެރޭގައި ހިއްސާކުރައްވާފައެވެ.

"ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި، ދައުލަތުގެ އާމްދަނީގެ %5 ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ %40 އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ %100 ކައުންސިލްތަކަށް ދޫކޮށްލެވޭނެ." ރައީސް ޞާލިޙޤ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެންނަވާ އިސްލާޙްތައް ގެނައުމުން ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލްތަކަށްކަމަށާއި، ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގު ފަހިވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ތަރައްޤީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައިކަމަށްވުމުން އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްޤީ ގެނެވޭނީ، އަންހެނުންގެ ޚިޔާލާއި ޢިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެންކަމަުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ %33 އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމާފައިވެސް އަޅުގަނޑުމެން ވާނެ." ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް، 2011 ވަނަ އަހަރު އުފެދިގެންދިޔުމާއެކު ޤާނޫނުގައި ކައުންސިލްތަކަށް ލިބިދީފައި ހުރި ބާރުތައް، އެކައުންސިލްތަކަށް ދިނުމަށް އޭރު އޮތް އެމް.ޑީ.ޕީ.ގެ ސަރުކާރުން މަސައްކަތް ފެށިކަމަށާއި، ވޭތުވެދިޔަ 8 އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމުގެ ތަފާތު ތަޖުރިބާތައް ކުރެވިފައިވާކަމަށް ރައީސް ޞާލިޙްވިދާޅުވިއެވެ.

އަދި ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށް ހިނގާކަމަށާ، އެހެން ބައެއް ކައުންސިލްތަކުން އިތުރަށް ރަނގަޅުކުރަންޖެހޭ ގިނަގުނަ ކަންތައްތަކެއް ހުރިކަންވެރައީސް ފާހަގަކުރެއްވިއެވެ. އަދި ޖުމްލަ ގޮތެއްގައި ލާމަރުކަޒީ ނިޒާމުދަނީ ކުރިއަށާއި، މިއީ ފައްކާވަމުން އަންނަ ނިޒާމެއްކަމަށް ރައީސް ޞާލީހް ވިދާޅުވިއެވެ.