ޚަބަރު

ހުޅުމީދޫގައި ހެރިޓޭޖް ޑިޕާޓްމެންޓުން ކުރިއަށްގެންދިޔަ ސަރވޭގެ އަމަލީ މަސައްކަތް ނިންމާލައިފި


އައްޑޫސިޓީގައި މިހާރު ހިނގަމުންދާ ހެރިޓޭޖް ސަރވޭގެތެރެއިން ހުޅުމީދޫގައި ކުރިއަށްދިޔަ ސަރވޭގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް އަރޓްސް އެންޑް ކަލްޗަރގެ، ހެރިޓޭޖް ޑިޕާޓްމެންޓުން ކުރިއަށް ގެންދާ މިސަރވޭގެ މަސައްކަތް އައްޑޫ ސިޓީގައި ފަށާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ. ހުޅުމީދޫގައި ހުރި ތަރިކައާއި ބެހޭ ދިރާސާގައި އެރަށުގެ ދިހަ ސަރަހައްދަކުން 267 ބިނާއެއް ވަނީ ކިތާބު ކޮއްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު މަސައްކަތެއް ކުރެވިފައިވަނީ ރާއްޖޭގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އާސާރީ ސަރަހައްދު ކަމަށްވާ ކޯގަންނު ގަބުރުސްތާނު ކިތާބު ކުރުމަށެވެ. ކޯގަންނު އާސާރުތަށް ވަނީ ތިން ބަޔަކަށް ގިންތި ކޮށްފައެވެ. އެއީ ކޯގަންނު ގަބުރުސްތާނާއި، ކޯގަންނު ޒިޔާރަތުގެ އިތުރުން ކޯގަންނު މިސްކިތެވެ.

މިމަސައްކަތުގެ ތެރެއިން އެތަނުގައި ހުރި ހަތަރު މިސްކިތާއި 227 ޒިޔާރަތާއި ބިސްތާނު އަދި 1535 މަހާނަ ގައު ވަނީ ކިތާބު ކުރެވިފައެވެ. މިތަންތަން ކިތާބު ކުރެވުނީ، ކިތާބުކުރުމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް، ސްޓޯންރަބިންގ ހަދައި، ފޮޓޯ ނަގައި، އެ ތަންތަނާއި ތަކެތީގެ ތާރީޚާއި ގުޅޭ އިންޓަރވިއުތައްކޮށް، ފީލްޑް ނޯޓް ނަގައި، ޑްރޯން ވީޑިއޯ އާއިއެކު ބައެއްތަންތަނުގެ 3-ޑީ މޮޑެލް ވަނީ ތައްޔާރުކުރެވިފައެވެ.

މިސަރވޭގެ ދަށުން އައްޑޫގައި ހުރި ހުރިހާ އާސާރުތަކެއް ކިތާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަހަރުގެ މާޗު މަހު ގެޒެޓް ކުރެވުނު ދިވެހިރާއްޖޭގެ ތަރިކައާއި އާސާރުތަކުގެ ދަފުތަރުގައި މިސިޓީގެ 28 ތަނެއް ހިމަނާފައިވެއެވެ. ހެރިޓޭޖް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އައްޑޫގެ އާސާރުތަށް ކިތާބު ކުރުމަށް ތިންމަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތެއް ހޭދަވާނެއެވެ.

ދިވެހިރާއްޖޭގެ ތަރިކައިގެ ސާވޭއަކީ ރާއްޖޭގެ އިދާރީ 8 އަތޮޅެއްގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު އެއްކޮށް، ކިތާބުކުރުމަށް 2018 ވަނަ އަހަރު އެޕްރީލް މަހު ފެށި މަޝްރޫޢުއެކެވެ. މިސާވޭ މީގެ ކުރީން ލ އަތޮޅާއި، ފުވައްމުލައް ސިޓީއާއި، ކ އަތޮޅުގެ ގްރޭޓަރ މާލޭގައި ހިމެނޭ ރައްތަކުގައި ހުރި މާއްދީ އާސާރީ ތަރިކައާއި ގުޅޭ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. އަދި މިހާރު އައްޑޫގައި ކުރިއަށްދާ ސާވޭ ނިންމާލުމަށް ފަހު ހުވަދު އަތޮޅު އަދި ތިލަދުންމަތީގެ ރައްތަކުގައި މިސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެރިޓޭޖް ޑިޕާޓްމެންޓުން މައުލޫމާތުދެއެވެ.