ޚަބަރު

ރައީސް ހުށައެޅުއްވި ދެ ނަންފުޅު ބަލައިގަނެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރުމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖުޑީޝަލް ސާރވިސް ކޮމިޝަނުގެ ލަފާފުޅަކަށް ހުށައަޅުއްވި ދެނަންފުޅު ބަލައިގަތުމަށް ނިންމަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލައިފިއެވެ.

މިއަދު ބޭއްވި ޖޭ.އެސް.ސީގެ 55 ފަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސުޕްރީމްކޯޓަށް 2 ފަނޑިޔާރުން ޢައްޔަންކުރެއްވުމަށްޓަކައި ނަންތައް ފޮނުއްވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެދިވަޑައިގެންފައިވާތީ، އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ސިޓީއަކުން ކޮމިޝަނަށް ހުށަހެޅުމަށް މިއަދު ހުޅުވާލުމަށް ވަނީ ނިންމަވާފައެވެ.

މިއާއެކު އެކޮމިޝަނުން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އެކޮމިޝަނުގެ ލަފާފުޅަށް ހުށައެޅުއްވި ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ އައިޝާ ޝުޖޫން މުޙައްމަދުގެ ނަންފުޅަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހަޅުއްވާފައިވާ ނަންފުޅުތަކެއްގެ ގޮތުގައި ބަލައިގަތުމަށްވެސް ނިންމަވާފައެވެ.

ޖޭއެސްސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނު ވިދާޅުވީ، ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރައްވާ ދެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިއަދު ހުޅުވާލުމާ ގުޅިގެން އެކަމަށް އެދި ހުށަހަޅުންވަން ބޭނުންފުޅުވާ ފަރާތްތަކުގެ ޑޮކިއުމަންސް ބަލައިގަތުމަށްޓަކައި މާދަމާ 14:00 އިން 16:00 އަށް ކޮމިޝަން ހުޅުވިފައި ހުންނާނެކަމަށެވެ.

ސުޕްރީމްކޯޓަށް 2 ފަނޑިޔާރުން ޢައްޔަންކުރުމުގެ މަސައްކަތް ކުރުމަށް ކޮމިޝަނުގެ ހުރިހާ މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލެއްވުމަށް މިއަދުގެ ބައްދަލުވުމުގައި ޖޭއެސްސީން ނިންމަވާފައިވާއިރު، އަމާޒަކީ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމައި ޤާނޫނުގައި ބުނެފައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާއަށް ނަންފުޅުތައް ފޮނުވައިދެއްވުންކަމަށް އެކޮމިޝަނުން މައުލޫމާތުދެއްވިއެވެ.

އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހުމާހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލާފައިވާއިރު، އެކޮމިޝަނުން ކުރެއްވި ޢިއުލާންގައިވާގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަޚްލާގަޢި ސުލޫކުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ޝަރުތެކެވެ. އޭގެ ތެރޭގައި ހިމެނެނީ

1. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
2. ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
3. ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ
މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
4. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
5. އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް
ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
6. ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް
ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި
ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
7. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ
މީހެއްކަމުގައިވުމާއެކު އުމުރުން 30 އަހަރުވެފައިވުމެވެ.

އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފަރާތްތަކުގެ ތައުލީމީ ފެންވަރުކަމުގައި ކަނޑައަޅާފައިވަނީ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނުގެ، ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމެވެ. މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް ވާންޖެހޭކަމަށް ޖޭއެސްސީން ކުރެއްވި ޢިއުލާނުގައިވެއެވެ.