ޚަބަރު

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ ފަނޑިޔާރު އިންތިޚާބުކުރުން މާދަމާ


ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު މާދަމާ އޮންނާނެއެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ ފަނޑިޔާރަކު އިންތިޚާބު ކުރުމަށް ޖޭއެސްސީއާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ކުރިއަށްގެންދާ އިންތިޚާބުގެ ވޯޓުނެގުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 17:00 އަށެވެ.

މި އިންތިޚާބުގައި ވާދަކުރައްވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ އިތުރުން، ލ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި، ގދ.ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް ހިމެނޭހެން ޖުމްލަ ތިން ފަނޑިޔާރުންނެވެ. މިއިންތިޚާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސްޕޯކްސް ޕާސަން ފައިސަލް އާދަމް ވިދާޅުވީ އިންތިޚާބުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާކަމަށާ، ވޯޓުލުން ކުރިއަށްދާނީ މާލޭގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒު، ބާޖަމާލުއްދީނާއި، ކޮންމެ ސިޓީ އަކާއި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށެއްގައި ހުންނަ ކޯޓު އިމާރާތުގައެވެ.

"އަޅުގަނޑުމެން މި އިންތިޚާބުގެ ތައްޔާރީތައް ޖުލައި މަހުގެ ފަހުކޮޅުންފެށިގެން މިގެންދިޔައީ ކުރިއަށް. ދެން މިހާރުމިވަނީ އިންތިޚާބުގެ ހުރިހާކަމެއް ފައިނަލްކޮސް ނިމިފައި" ފައިސަލް އާދަމް ވިދާޅުވިއެވެ.

178 ފަނޑިޔާރުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރައްވާނެކަމަށާއި، ދާއިމީ ނަތީޖާ އޮގަސްޓް 25ވަނަ ދުވަހު އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީގައި ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރަކު ހޮވުމަށް އިންތިޚާބު މިބާއްވަނީ، މިހާރު އެމެންބަރުގެ ގޮތުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޢީސާ ފުޅުގެ ދައުރު މިމަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.

ޖޭއެސްސީގައި ތިއްބަވާނީ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރާއެކު 10 މެންބަރުންނެވެ.