ޚަބަރު

އިންޑިއާ، ޕާކިސްތާނު މައްސަލައަށް މުހިންމީ ސުލްޙަވެރި ޙައްލެއް - އަބްދުﷲ ޝާހިދު


އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުން މުހިއްމުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއެޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޙުދޫމް ޝާހް މަޙްމޫދު ޤުރޭޝީއާ ފޯނުން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ ޤުރޭޝީ ވަނީ ޖައްމޫ ކަޝްމީރުގެ މައްސަލައިގެ އެންމެފަހުގެ މަޢުލޫމާތާއި، އިންޑިއާއިން އެޤައުމުގެ ޤާނޫނު އަސާސީގެ 370ވަނަ މާއްދާ އުވާލުމާމެދު ޕާކިސްތާނުން ދެކޭ ގޮތުގެ މަޢުލޫމާތު މިނިސްޓަރ ޝާހިދާ ޙިއްސާކުރައްވާފައިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ފޯނުން ގުޅުއްވިކަމަށްޓަކައި މިނިސްޓަރ ޤުރޭޝީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕާކިސްތާނާއި އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް ރަޙުމަތްތެރި ދެ ޤައުމުކަމަށާއި، އެ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއެކު ހައްލުކުރުން މުހިއްމުކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިންޑިއާގެ ޤާނޫނު އަސާސީގެ 370ވަނަ މާއްދާ އުވާލުމަކީ އިންޑިއާގެ ދާޚިލީކަމެއްކަމަށް ދިވެހިރާއްޖެއިން ދެކޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަބަދުވެސް ޕާކިސްތާނުގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަޤީންކަން އެޤައުމުގެ ޚާރިޖީ ވަޒީރަށް އެރުވިއެވެ. އަދި ދެ ޤައުމު ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހިކަންމަތީ އޮންނާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.