ޚަބަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރާނީ އެމް.ޑީ.ޕީން - ޝިފާޒް


ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބުކުރާނީ ވެރިކަންކުރާ މައިޕާޓީ އެމް.ޑީ.ޕީންކަމަށް އެޕާޓީގެ ނާއިބުރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބާރަށުދާއިރާގެ މެންބަރުކަންވެސް ކުރިން ކުރައްވާފައިވާ ޝިފާޒް ވިދާޅުވީ، އެމް.ޑީ.ޕީން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާނީ އުނދަގުލާއި ދަތިކަމުގެ ތެރޭގައިކަމަށާއި، އޭރު ލިބުނުގެ ނަތީޖާއަށްވުރެ ބޮޑު ކުރިއެރުމެއް މިފަހަރުގެ ހޯދަން އެޕާޓީން ބޭނުންވާކަމަށެވެ.

"ތިބޭފުޅުންގެ ވިސްނ،ުމުގައި ބަހައްޓަންވީ އަޅުގަނޑުމެން ދަތި އުނދަގުލާއި ތުރާލާ، އަނިޔާއާ، ބިރުވެރިކަމުގައި އަޅުގަނޑުމެން ނިކުމެ މިރާއްޖޭގެ ބޮޑު އަޢްލަބިއްޔަތެއް ހޯދައިދިންފަދައިން މިހާރު މިކުރިމަތިލާ އިންތިޚާބު ބޮޑުތަނުން އެމް.ޑީ.ޕީން ކާމިޔާބުކުރާނެ. އަބްދުﷲ ޔާމީނު ވެރިކަމުގައި ހުންނަވައިގެން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސުނު. މިހާރު އަޅުގަނޑުމެން މިތިބީ ވެރިކަމުގައި. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކައުންސިލްތައް ބޮޑުތަނުން ނަގާނީ އަޅުގަނޑުމެން" ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒްގެ ވާހަކަފުޅުގައި ލާމަރުކާޒީ ޤާނޫނަށް ސަރުކާރުން ގެންނަން މަސައްކަތްކުރާ އިސްލާޙުތަކާއެކު އެޤާނޫނާ ތަޢާރުޒްވާ ކަންކަން ޤާނޫނުތަކުން އުވާލުމަށް ކައުންސިލަރުން ކޮންފަރެންސްގެ ތެރެއިން އެދިލެއްވި އެދިލެއްވުމަށް ތާއީދުކުރެއްވިއެވެ. އޭނާ ވިދާޅުވީ އެގޮތަށް ހަ މަސްދުވަހުގެތެރޭގައި ލާމަރުކާޒީ ޤާނޫނު އެންމެ ރަނގަޅަށް ތަންފީޒުކުރެވިގެންދާނީ އަލަށް އިންތިޚާބުވާ ކައުންސިލްތަކާއި ކައުންސިލަރުންނާއެކުކަމަށެވެ.

"މާގިނަ ދުވަހަކު މިކަންކަމުގެ ތެރޭގައި ތާށިވެގެން ނުތިބެވޭނެ. 6 މަސްދުވަހަކީ ހަމަ ރަނގަޅުމުއްދަތެއްކަމަށް އަޅުގަނޑު ދެކެނީ، އެ 6 މަސްދުވަހުގެތެރޭގައި ލާމަރުކަޒީ ޤާނޫނު ރީތިކޮށް ތަންފީޒުވެގެންދާނެކަމަށް އަޅުގަނޑުދެކެން. އެހެންނަމަވެސް މިކަންކަން ކުރެވެން އޮޓީ މީގެ ހަތްމަސް ފަހުން އިންތިޚާބުކުރާ ކައުންސިލާ އެކީގައި" މުޙައްމަދު ޝިފާޒް ވިދާޅުވިއެވެ،

ލާމަރުކަޒީ ޤާނޫނަށް އިސްލާޙް ގެނައުމަށް މަސައްކަތްކުރާއިރު، ރާއްޖެ މިކުރިމަތިލަނީ 4 ވަނަ ފަހަރަށް އިންތިޚާބުކުރާ ލޯކަލް ކައުންސިލާކަމަށާއި، މި އިންތިޚާބާ ކުރިމަތިލާއިރު، އިންތިޚާބު ނުބާއްވަން ނުވަތަ ލަސްކުރަން، ކުރީ ސަރުކާރުން މަސައްކަތްކުރިގޮތަށް އަދުގެ ސަރުކާރުން ކަންކަން ނުކުރާނެކަމަށް ޝިފާޒް ވިދާޅުވިއެވެ.