ޚަބަރު

މިލާން ކްރިކެޓް އެކަޑަމީން ދިވެހި ކްރިކެޓް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވޭ - އަފްލާހް


މިލާން ކްރިކެޓް އެކަޑަމީއަކީ ދިވެހި ކްރިކެޓް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ އެކަޑަމީއެއް ކަމަށާއި މިލާންގެ ފަރާތުން ކްރިކެޓް ކުރިއެރުވުމަށް ކޮށްދެމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ބަލައިގަންނަކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރަޢީސް މުޙައްމަދު އަފްލާހް ވިދާޅުވެއްޖެއެވެ.

މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުޅުނު ޚާއްސަ ކްރިކެޓް މެޗުގައި ބައިވެރިވެލެއްވުމަށްފަހު އަފްލާހް ވިދާޅުވީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ފަރްހަތް ޖަލީލް އިސްވެ ހުންނަވައިގެން މިލާން އެކަޑަމީގެ ފަރާތުން ކްރިކެޓް ކުރިއެރުވުމަށް ކޮށްދީފައިވާ މަސައްކަތްތަކަކީ ތަޢުރީފު ހައްޤު މަސައްކަތްތަކެއް ކަމަށާއި ކްރިކެޓް ބޯޑުގެ ރަޢީސެއްގެ ހައިސިއްޔަތުން އެކަންތައްތައް ވަރަށް ބޮޑަށް ބަލައިގަންނަކަމަށެވެ. އަދި ރާއްޖޭގެ ޤައުމީ ފެންވަރުގައި ވާދަކޮށްލެވޭފަދަ މޮޅެތި ކުޅުންތެރިން މިލާނުން އުފައްދާ ދީފައިވާކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ދިވެހި ކްރިކެޓަށް ނެރެދޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަފްލާހް ވިދާޅުވިއެވެ.

މިލާން ކްރިކެޓް އެކަޑަމީއަށް 10 އަހަރުފުރުން ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކުޅުނު ޚައްސަ މެޗް ބައްލަވައިލެއްވުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނާއިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފާއި ކެބިނެޓްގެ ބައެއް ވަޒީރުންވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރާއްޖޭގެ ކުޅިވަރު އާއިލާގެ ގިނަ ބަޔަކު ވަނީ މި މެޗުގައި ބައިވެރިވެފައެވެ.