ޚަބަރު

ލަމާރުކަޒީ ނިޒާމާ ގުޅޭގޮތުން ސަރަހައްދީ މަހާސިންތާއެއް އައްޑޫގައި ފަށައިފި


ލާމަރުކަޒީ ނިޒާމާގުޅޭ ސަރަޙައްދީ މަހާސިންތާ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން އައްޑޫސިޓީގައި ފަށައިފިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިންތިޒާމު ކޮއްގެން އައްޑޫ އީކުއޭޓަރ ވިލެޖުގެ ބްލޫލެގޫން ހޯލުގައި ކުރިއަށްގެންދާ މިމަހާސިންތާގައި، ލ.އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ ކައުންސިލުތަކުން އަދި ދެކުނުގެ ދެސިޓީ ކައުންސިލުން ބައިވެރިވެއެވެ.

ސަރަޙައްދީ ފެންވަރެއްގައި މިފަދަ މަހާސިންތާއެއް ބޭއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރ އައިމަން ރަޝީދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު މިހާރު އޮތްގޮތުން ގިނަ މައްސަލަތަކެއް ހުރުމުން ޤާނޫނަށް ތަފާތު އިސްލާހުތަކެއް ސަރުކާރުން ގެންނަން ނިންމާފައިވާއިރު ސަރަހައްދީ ފެންވަރެއްގައި މިވާހަކަތަށް ދައްކަން ޖެހިފައިވާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމެއް ޤާނުނީގޮތުން އޮތަސް އެނިޒާމު ހަރުދަނާ ކުރަން ޖެހިފައިވާކަމަށް އައިމަން ފާހަގަކުރެއްވިއެވެ. އެހެން ކަމުން ދެކުނުގެ ސަރަހައްދަށް އަމާޒުކޮށްގެން ބޭއްވޭ މިމަހާސިންތާގައި ދެކުނުގެ އަތޮޅުތަކުގެ ކައުންސިލުތަކުންނާއި، ކައުންސިލް ތަކުގެ އިދާރީ މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ވެސް މިމަހާސިންތާގައި ބައިވެރިވެއެވެ.

މިމަހާސިންތާ ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤް ވިދާޅުވީ އަދި މިހާތަނަށް ލާމަރުކަޒީ ނިޒާމު އައިނަމަވެސް ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިފައި ނުވާކަމަށެވެ. އަދި ކައުންސިލް ތަކަށް ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ދަތިތަކެއް ހުރިއިރު މާލީ ބާރުވެރިކަމެއް ނެތްކަން މޭޔަރ ފާހަގަކުރެވިއެވެ.

މިމަހާސިންތާ ދެދުވަހުގެ މުއްދަތަށް އިކުއޭޓަރ ވިލެޖުގައި ކުރިއަށް ދާނެއެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނި ގޮތުގައި، އެފަރާތުން މާލެ ސަރަހައްދުގައި ލާމަރުކަޒީ ނިޒާމާއި ބެހޭ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ޤައުމީފެންވަރެއްގައި މަހާސިންތާއެއް ވަނީ ބާއްވާފައެވެ.