ޚަބަރު

ޤާޟީކަމަށް އަންހެނަކު ޢައްޔަނުކުރުން ހުއްދައެއް ނޫން - ޢަދާލަތު


ޤާޟީކަމަށް އަންހެނަކު ޢައްޔަނުކުރުން މުޠުލަޤުކޮށް ހުއްދަނޫންކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅުން ޢައްޔަނުކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުށައެޅުއްވުމާ ގުޅިގެން އުފެދިފައިވާ ބަހުސާ ގުޅިގެން ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިއަދު ނެރުއްވި ބަޔާނުގައި ވަނީ މައިގަނޑު ތިން ރަޢުޔެއް ގެނެސްދީފައެވެ.

ޢަދާލަތުގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިރައުޔުތަކާ ގުޅިގެން ޢިލްމުވެރިން ގެންނަވާފައިވާ ދަލީލުތަކަށް ބަލާއިރު ރާޖިޙް ނުވަތަ ބުރަވާ ރަޢުޔަކީ މިތިން ރައުޔުގެ ތެރެއިން ޤާޟީކަމަށް އަންހެނަކު ޢައްޔަނުކުރުން މުޠުލަގުކޮށް ހުއްދަނޫންކަމުގެ ރައުޔުކަމަށެވެ.

އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި ޢިލްމުވެރިންނާއި، އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެޢިލްމުވެރިންކުރެ، މިއަދާހަމައަށް އައި ހުރިހައި ޖީލެއްގެ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީވެސް ޤާޟީކަމަށް އަންހެނަކު ޢައްޔަނުކުރުން މުޠުލަގުކޮށް ހުއްދަނޫންކަމަށް އެޕާޓީގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެން ނަމަވެސް އުންމަތުގެ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ މިފަދަ މައްސަލަތަކުގައި ޢާންމު އަފްރާދުންނާއި ޢިލްމުވެރިން ޢަމަލުކުރަންޖެހޭގޮތް މިއުންމަތުގެ މުޖުތަހިދު ޢިލްމުވެރިންނާއި އިމާމުންގެ ކިބައިން ފެނި ބަޔާންވެފައިވާކަމަށާ، އެހެންކަމުން ޢިލްމުވެރިންގެ ތެރެއިން މުޖްތަހިދު ބޮޑެތި އިމާމުންގެމެދުގައި ޚިޔާލުތަފާތުވެ މުޢުތަބަރު ޚިލާފު އުފެދިފައިވާ މިފަދަ މައްސަލަތަކުގައި، އެމީހަކަށް ބުރަވެވޭ ރައުޔު އެއީ އެމައްސަލައިގައި އޮތް ހަމައެކަނި ރައުޔުކަމުގައި ދެކި، އެއާ ޚިލާފު ރައުޔަކަށް ތާއީދުކުރާ ފަރާތަކީ ދީނުގައި ނުވަތަ އަޤީދާގައި އުނި ފަރާތެއްކަމަށް، ނުވަތަ މަގުފުރެދިފައިވާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީޢަތަށް ގޮންޖަހާ ފަރާތެއްކަމަށް، ނުވަތަ އިސްލާމީ ޝަރީޢަތަށް ކާފަރުވެފައިވާ ފަރާތެއްކަމަށް ބުނެވޭނެއެއްވެސް ހަމައެއް ނެތްކަމަށާއި، އެފަދަ ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.