ޚަބަރު

ފަނޑިޔާރުކަމަށް އަންހެނަކު ޢައްޔަންކުރުން އިސްލާމްދީނުގެ އަސާސަކާ ޚިލާފެއްނޫން - އެމްޑީޕީ


ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ނޫންކަމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާތީ، އެމްޑީޕީން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދަންނަވާފައެވެ.

އެދެބޭފުޅުން ފަނޑިޔާރުކަމަށް ޢައްޔަން ކުރެއްވުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެމްޑީޕީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ރިޢާޔަތް ކުރާއިރު ފަނޑިޔާރުކަމުގެ މަޤާމަށް އަންހެން ބޭފުޅަކު ޢައްޔަން ކުރުމަކީ ޤާނޫނުއަސާސީއާއި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އެއްވެސް ޤާނޫނަކާ ޚިލާފު ކަމެއް ނޫންކަމަށެވެ.

އަދި އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ޚިލާފު ކަމެއްކަމުގައި އެކަން ނުދެކޭކަމަށް އެޕާޓީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މިމައުޟޫޢުގައި ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލްއަޤްވާމީ ގިނަ އިސްލާމީ ޖަމްޢިއްޔާތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީޢަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެޖަމްޢިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ޚިލާފު ކަމެއް ނޫންކަމަށާ، މިނިވަން ދިމިޤްރާޠީ އިސްލާމީ މުޖްތަމަޢުތަކުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާ އެތައް އަހަރެއް ވެފައިވާކަމަށްވެސް އެމްޑީޕީން ވިދާޅުވެފައިވެއެވެ.

އެގޮތުން ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމު ކަމުގައިވާ އިންޑޮނީޝިޔާ އާއި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދު އިރުމަތީގެ ގިނަ ޤައުމުތަކެއްގައިވެސް އަންހެން ޖިންސުގެ ފަނޑިޔާރުން ޝަރީޢަތް ކުރަމުންދާކަމަށް އެމްޑީޕީން ވިދާޅުވެއެވެ.