ވިޔަފާރި

އޭޑީބީގެ ރައީސް، ފިނޭންސް މިނިސްޓަރާ ބައްދަލުކުރައްވައިފި


އޭޝިއަން ޑިވެލޮޕްމަންޓް ބެންކު، އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާ ބައްދަލުކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބެންކާއި ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ފުޅާކޮށް، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓްރީގެ އިސްބޭފުޅުންނާއި އޭޑީބީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އޭޑީބީގެ ރައީސް ޓަކެހީކޯ ނަކާއޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރާއްޖޭ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މިދަތުރުފުޅުގައި ފިނޭންސް މިނިސްޓަރގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާދަމާ ކުރުނބާ މޯލްޑިވްސްގައި ބާއްވާ މަޝްވަރާ ބައްދަލުވުމެއްގައިވެސް އޭޑީބީގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އޭޑީބީގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ މާދަމާ ހަވީރުއެވެ. އޭޑީބީގެ ރައީސް ރާއްޖެއަށް ދަތުރުފުޅެއް ފަށްޓަވާފައިވާއިރު، އޭޑީބީއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. އެގޮތުން ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށް އޭޑީބީން ދަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.