ޚަބަރު

އިސްލާމީ ދަޢުލަތްތަކުގެ އަންހެނުންގެ ހުނަރާއި ބާރުވެރިކަން އިތުރުކުރުމާގުޅޭ މުޢާހަދާގައި ސޮއިކުރުމަށް މަޖިލީހުގެ ލަފައަށް އެދިއްޖެ


އިސްލާމީ ދަޢުލަތްތަކުގެ އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމާބެހޭ މުޢާހަދާގައި ރާއްޖެއިން ސޮއި ކުރެއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

"ސްޓެޓިއުޓް އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން" މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ރައީސުލްޖުމްހޫރިއްޔާއަށް އެކަމަށް ލަފާ ދެއްވުމާއި ގުޅިގެންނެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.)އިން 2013 ވަނަ އަހަރު އެކުލަވާލި "ޓެން-ޔިއަރ ޕްލޭން އޮފް އެކްޝަން"ގެ ދަށުން އުފެއްދި ސްޓެޓިއުޓް އޮފް ދަ އޯ.އައި.ސީ. ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ، އޯ.އައި.ސީ. މެމްބަރު ޤައުމުތަކުގައި، އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އެކުލަވާފައިވާ ސްޓެޓިއުޓެކެވެ.

އޯ.އައި.ސީ. މެމްބަރު ޤައުމުތަކުގެ ތެރެއިން ގެމްބިއާ، ސަޢޫދީ ޢަރަބިއްޔާ، ތުރުކީވިލާތް، ލީބިއާ އަދި މިސްރު ފަދަ ޤައުމުތަކުން މި ސްޓެޓިއުޓްގައި ވަނީ ސޮއިކޮށްފައެވެ.

މި މުޢާހަދާއާ ބެހޭގޮތުން ވަޒީޒުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި، މި ސްޓެޓިއުޓްގައި ބައިވެރިވުމުން ސިޔާސީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން، އަންހެނުން ކުރިއަރުވައި، އެމީހުންނަކީ ހުރިހާ ގޮތަކުން މުޖުތަމަޢަށް ފައިދާ ހޯދައިދޭ، ކުރިއަރަމުންދާ ބަޔަކަށް ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަން މެންބަރުން ހާމަކުރެއްވިއެވެ.

"ސްޓެޓިއުޓް އޮފް ދި އޯގަނައިޒޭޝަން އޮފް (އޯ.އައި.ސީ.) ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން" މުޢާހަދާގެ އިތުރުން އިތުރު 4 މުޢާހަދާއެއްގައި ދިވެހިރާއްޖެއިން ސޮއި ކުރުމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދުވަނީ ހުށައަޅުއްވާފައެވެ.