ޚަބަރު

މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ރައީސް ފޮނުއްވެވި 5 މުޢާހަދާގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި


އިސްލާމީ ދަޢުލަތްތަކުގެ އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމާބެހޭ މުޢާހަދާ ހިމެނޭހެން ރާއްޖެއިން ސޮއި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި 5 މުޢާހަދާގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މަޖިލީހުގެ ލަފަޔަކަށް ފޮނުވާފައިވަނީ، "ސްޓެޓިއުޓް އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން" މުޢާހަދާއާއި، ހަތިޔާރުގެ ވިޔަފާރިކުރުމާބެހޭ މުޢާހަދާ "ޔުނައިޓެޑް ނޭޝަންސް އާރމްސް ޓްރޭޑް ޓްރީޓީ" އާއި "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް ޕްރޮސީޖަރ" އާބެހޭ މުޢާހަދާއާއި، ނިއުކުލިއަރ ހަތިޔާރާ ގުޅޭ މުއާހަދާ "ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" އާއި، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރިސީޖަރ (އޯ.ޕީ.ސީ.އާރ.ސީ)" އާބެހޭ މުޢާހަދާއެވެ.

މީގެ ތެރޭގައި ހިމެނޭ އިސްލާމީ ދަޢުލަތްތަކުގެ އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމާބެހޭ މުޢާހަދާއަކީ، އޯ.އައި.ސީ. މެމްބަރު ޤައުމުތަކުގައި، އަންހެނުންގެ ހުނަރުވެރިކަމާއި ބާރުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އެކުލަވާފައިވާ ސްޓެޓިއުޓެކެވެ. އޯ.އައި.ސީ. މެމްބަރު ޤައުމުތަކުގެ ތެރެއިން ގެމްބިއާ، ސަޢޫދީ ޢަރަބިއްޔާ، ތުރުކީވިލާތް، ލީބިއާ އަދި މިސްރު ފަދަ ޤައުމުތަކުން މި ސްޓެޓިއުޓްގައި ވަނީ ސޮއިކޮށްފައެވެ.