ޒަޚަމްތަކަކާއެކު އައްޑޫސިޓީ މަރަދޫ ފުއްޓަރު ސަރަހައްދުން އިއްޔެ ފެނުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މޭނޭޖަރ ޝަރުފުއްސާދާތު ޕީއެސްއެމް ނިވްސަށް މަޢުލޫމާތު ދެއްމުން ވިދާޅުވީ އެމީހާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާކަމަށް ޑޮކްޓަރުން ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން، އިތުރު ފަރުވާއަށް އޭނާ ވީހާވެސް އަވަހަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަރުފުއްސާދާތު ވިދާޅުވިއެވެ.
މި މައްސަލައިގައި ފުލުހުން ވިދާޅުވެފައިވަނީ އެ މީހާ ފެނިގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރުކަމަށާއި އެ މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާކަމަށެވެ. އަދި އެ މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މީހާއަކީ މަރަދޫގައި ދިރިއުޅެމުންދާ ހުވަދު އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް ބަޔަކު އޭނާއަށް ޙަމަލާ ދިނީ ކޮން ސަބަބަކާ ގުޅިގެންކަމެއް އަދި ކަށަވަރެއް ނުވެއެވެ.