ވަޒީފާ އަދާ ނުކުރާ ޒުވާނުން ގިނަވެއްޖެނަމަ ޤައުމުގެ ފުދުންތެރިކަން ދަށަށްދިޔުމަކީ ގާތުގާވާކަމެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއި އިކޮނަމިކް މިނިސްޓްރީ ގުޅިގެން ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު "މޯލްޑިވްސް އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް" އިފްތިތާހްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދއްކަވަމުންނެވެ.
މޯލްޑިވްސް އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް އިފްތިތާހްކުރުމަށް ބެއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ތަފާތު ސަބަބުތަކާހުރެ މިއަދު ވަޒީފާ އަދާނުކުރާ ޒުވާނުން ގިނަވަމުންދާކަމަށެވެ. އަދި މިކަމަކީ ކަނބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ވަޒީފާ އަދާނުކުރާ މީހުންގެ ޢަދަދު ގިނަވުމާ ގުޅިގެން ނުރަނގަޅު އަސަރު މުޖުތަމަޢުއަށް ކުރަމުންދާނެކަމަށެވެ. އަދި ޒުވާނުން ވަޒީފާ އަދާނުކުރުން ނުހުއްޓުވެއްޖެނަމަ ޤައުމުގެ ފުދުއްނތެރިކަން ދަށަށްގޮސް މުޖުތަމަޢުގައި ކުށްގިނަވެ ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް މުސްތަޤްބަލު ބަނަވެގެން ދިޔުމަކީ ގާތުގައިވާކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޒުވާނުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި މިކަމުގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި ތަޢުލީމާއި ތަމްރީންތައް ހިންގުމަށްޓަކައި ސަރުކާރުން ކުރައްވާ ހޭދަ ފާހަގަކުރެއްވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓަކީ 20 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށާއި މީގެ ތެރެއިން 10 މިލިޔަން ޑޮލަރުއަކީ ވޯލްޑް ބޭންކުން ދީފައިވާ އެހީއެއްކަމަށާއި އަނެއް 10 މިލިޔަން ޑޮލަރަކީ ކްރެޑިޓްގެ ގޮތުގައި ލިބިފައިވާ އެހީކަމަށް މިނިސްޓަރ ވިދާޅުވެއެވެ.
މިނިސްޓަރ ވިދާޅުވީ މިމަޝްރޫޢަކީ ވަކި ޖިންސެއް ތަފާތުކުރުމެއްނެތި ޢާމްދަނީ ހޯދުމާއި ހަމަހަމަ ފުރުޞަތުތައް ލިބިގެންދާނެ މަޝްރުއެއްކަމަށާ، މި މަޝްރޫއުގެ ސަބަބުން އިޤްތިޞާދަށް އެދެވޭ އަސަރުތަކެއް ކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިމަޝްރޫއުގެ ދަށުން ރާއްޖެއަށް އެންމެ ބެނުންވާ ދާއިރާތަކުން ލޭބަރ މާކެޓް އެސެސްމަންތެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިހޯދުންތަކުގެ އަލީގައި ކަރިކިއުލަމް، ސްކިލް ޑިވެލޮޕްމަންޓް ކޯސްތައް އަލުން މުރާޖާ ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ތަޢުލީމީ ދާއިރާއާއި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް އެކި ތަމްރީންތައް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި ޔޫތުހަބް ގާއިމްކުރުމުގެ އިތުރުން އިންކިއުބޭޝަން ސަޕޯޓް ފެސިލިޓީސް ގާއިމް ކުރުމާއި އަދި ވިޔަފާރި ފެށުމަށް ހިލޭއެހީ ދިނުމަށް ވެސް އެމަޝަރޫއުގެ ދަށުން ހިމެނިފައިވެއެވެ. ހަމަ އެހެންމެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓްގައި ގާއިމްކޮށްފައިވާ ގުރަހަ ޕްލެޓްފޯމް އިތުރަށް ފުޅާކުރުން ފަދަ އެތައް ކަންތައްތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.