ޚަބަރު

ޗައިނާއަށް ކަނޑައެޅުއްވި ދިވެހި ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި


ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޢާއިޝަތު ޢަޒީމާ އެކަމާނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސް ޝީ ޖިން ޕިންގއަށް އަރުވައިފިއެވެ.

މިކަން ކުރިއަށްދިޔައީ ބެއިޖިންގެ ގްރޭންޑް ހޯލް އޮފް ޕީޕަލްގައެވެ. ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޢާއިޝަތު ޢަޒީމާ އައްޔަންކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ 19ވަނަ ދުވަހުގައެވެ.

ޢާއިޝަތު ޢަޒީމާއަކީ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމާއި ޖޮއިންޓް ސެކްރެޓަރީގެ މަޤާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

ޢާއިޝަތު ޢަޒީމާ ވަނީ 1988ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގެ އެކި ފަންތީގެ މަޤާމުތައް ފުރުއްވައި، ރާއްޖެއާއި ބޭރުގެ ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަ ކުރައްވައިފައެވެ.