ޚަބަރު

ރާއްޖެއަށް ކޮމަންވެލްތު މެމްބަރުކަން އަލުން ލިބޭނެކަމުގެ ޔަޤީންކަންދީފި


ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ރާއްޖެ ވަޑައިގެންފައި މިވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމަށް ހުށަހަޅާފައިވާތީ، ރާއްޖޭގެ ޙާލަތު ދިރާސާކުރުމަށް ކަމާއި ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދުވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތުގެ ހަމަތައް ޤަބޫލުކޮށް، ކުރިއެރުވުމަށް ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން ޤާއިމްކުރުމާއި، އިންސާނީ ހައްޤުތަކާއި ޖަވާބުދާރީވުމުގެ ނިޒާމްތައް ހަރުދަނާކުރުން ހިމެނެއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި އަދުގެ ސަރުކާރު ވެރިކަމަށް އައީއްސުރެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އެސެސްމަންޓް މިޝަންއިން ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ކުރާ މަސައްކަތަށް ބާރު ލިބޭނެ ރެކޮމެންޑޭޝަނެއް ސެކްރެޓަރީ ޖެނެރަލްއަށް އަރުވާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވުމާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ވަނީ ރާއްޖެއަށް ވަޑައިގަންނަވާފައިވާއިރު، މިއަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް އޮބްޒާވަރ މިޝަންއަށްވެސް ވަޑައިގަތްކަން ފާހަގަކޮއްލެވެއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެންމެ ފަހުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހު، ކަމްޕާލާ ކޮމިއުނިކޭގެ ދަށުން ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމަށް އެދި ހުށަހަޅަން ޖެހޭ އެންމެ ފަހު ލިޔެކިޔުންތައް ހުށަހެޅުއްވުމަށެވެ.

މިބައްދަލުވުމުގައި ކޮމަންވެލްތު އެސެސްމަންޓް ޓީމްގެ ފަރާތުން ވަނީ ދިވެހިރާއްޖެއިން ކޮމަންވެލްތާއި ގުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަން އެނގިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތާއި އަނބުރާ ގުޅުމަށް ދިވެހިރާއްޖެއިން މިހާރު ކުރަމުންދާ މަސައްކަތުން ޑިއު ޕްރޮސެސް ފުރިހަމަކޮށް، އެޖަމްއިއްޔާގެ މެމްބަރުކަން ދިވެހިރާއްޖެއަށް އަނެއްކާވެސް ލިބޭނެކަމުގެ ޔަޤީންކަން އެ ޓީމުން ދެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއަށް ކޮމަންވެލްތުގެ މެންބަރުކަން އަލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ކޮމަންވެލްތު އެސެސްމަންޓް ޓީމުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ ކަޓަލައިނާ ސަޕްލޯ، ކޮމަންވެލްތު ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލް ޑރ އޭން ގެލެގަރ، ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ އެޑްވައިޒަރ ފޮރ ޓްރޭޑް ކޮމްޕެޓެޓިވްނަސް މރ ސުޖީވަން ޕެރޭރާ، ސެކްރެޓޭރިއެޓްގެ ޕޮލިޓިކަލް އޮފިސަރ މރ ޖޮނަތަން ޗެންގް އެވެ.

ކޮމަންވެލްތު އެސެސްމަންޓް މިޝަންގެ ބޭފުޅުން މިމަހުގެ 25 އިން 29 އަށް ރާއްޖޭގައި ޙަރަކާތްތެރިވެވަޑައިގަންނަވާއިރު ކަމާއި ގުޅުން ހުރި އެކި ދާއިރާތަކުގެ ފަރާތްތަކާއި ބައްދަލުކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.