ވިޔަފާރި

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕެންޝަން އޮފީހުން ބުނީ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ 3 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށެވެ. އަދި މަސައްކަތަށް ބެލުމަށްފަހު އިތުރު 3 އަހަރުގެ މުއްދަތަކަށް މަޤާމުގައި ދެމިހުރުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ޕެންޝަން އޮފީހުން ބުނީ މިމަޤާމަށް ކުރިމަތިލައްވަން ޝަޢުޤުވެރިވާ ފަރާތްތަކުން، 5 ސެޕްޓެމްބަރުގެ ހަވީރު 3ގެ ކުރިން އެކަމާ ގުޅޭ ލިޔުންތައް ޕެންޝަން އޮފީހަށް ހުށަހަޅަންޖެހޭނެކަމަށެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޤާއިމްކުރެވިގެންދިޔައީ 2009 ވަނަ އަހަރުއެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަޤާމުގައި މިހާރު ހުންނެވީ 2009 ވަނަ އަހަރުން ފެށިގެން އެމަޤާމު ފުރުއްވަމުން ގެންދަވާ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވި މުހައްމަދު ހުސައިން މަނިކެވެ.