ޚަބަރު

ފުރަތަމަ ފަހަރަށް ވޯލްޑް އޮލިމްޕިކްސް ގޭމްސަށް ކޮލިފައިވާން ބޭނުން: ނަބީހާ


ކެރިއަރުގައި މިހާރު އެންމެ ޙާސިލުކުރަން ބޭނުންވާކަމަކީ އަންނަ އަހަރު ބާއްވާ ޓޮކްޔޯ އޮލީމްޕިކްސަށް ކޮލިފައިވެ، ފުރަތަމަ ފަހަރަށް ވޯލްޑް އޮލީމްޕިކްސް ގޭމްސަށް ކޮލިފައިވާ ދިވެހި އެތްލީޓުގެ ޝަރަފް ހޯދުން ކަމަށް ބައިނަލްއަޤްވާމީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ބެޑްމިންޓަނުން ރަން މެޑަލް ހޯދައިދިން ފާތިމަތު ނަބީހާ ޢަބްދުލްރައްޒާޤް ބުނެފިއެވެ.

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ނަބީހާ ބުނީ 2016ވަނަ އަހަރުން ފެށިގެން ދެބެން އެކުގައި އޮލީމްޕިކްސަށް ކޮލިފައިވުމުގެ ހުވަފެން ދެކޭކަމަށާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމަކާއިއެކު މިހާރު ރަނގަޅު ޕްލޭނެއް އެކުލަވާލައި މަސައްކަތް ފަށާފައިވާކަމަށެވެ. ނަބީހާ ބުނީ 2016ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޖަޕާނަށް ދެބެން އެކުގައި ގޮސް ތަމްރީމުތަކެއް ފުރިހަމަކުރިކަމަށާއި ޖަޕާނުގެ ކޯޗުންގެ ފަރާތުން ލިބުނު އެއްބާރުލުމާއިއެކު، ކޮލިފައިވެގެން އޮލީމްޕިކްސްގައި ވާދަކުރާ ފުރަތަމަ އެތުލީޓުންނަށްވުމަށް ދެބެން އެކުގައި ޢަޒުމް ކަނޑައެޅިކަމަށެވެ.

މީގެ އިތުރުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ން ލިބުނު ބޮޑު ކާމިޔާބީއާއިއެކު ބޮޑު ހިތްވަރެއް ލިބުނުކަމަށާއި އެއާއެކު އެސޯސިއޭޝަނާއި މަޝްވަރާކޮށް މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ރޭންކިން ކަވަރކުރާ 5 ނުވަތަ 6 މުބާރާތުގައި ވާދަކުރުމަށް މަސައްކަތްކުރަމުންދާކަމަށް އޭބާ ބުންޏެވެ. އޭގެ އިތުރުން މި އަހަރުގެ ތެރޭގައި މުޅި ޖުމްލަ 8 މުބާރާތުގައި ވާދަކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނަބީހާ ބުނެފައިވެއެވެ. ނަބީހާ ބުނީ މި ޕްލޭންގެ ދަށުން އެންމެ އަވަހަށް ވާދަކުރާނީ އަންނަ މަހު ރާއްޖޭގައި އޮންނަ އިންޓަނޭޝަނަލް ދެ މުބާރާތުގައިކަމަށެވެ. އޭނާ ބުނީ އަތަށް ލިބިފައިވާ އަނިޔާ މިހާރު ރަނގަޅުވަމުން އަންނަކަމަށާއި އަނިޔާއިން އެއްކޮށް ރަނގަޅު ވީހާ އަވަހަކަށް ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގެ އިތުރުން އިންޑިވިޖުލް ތަމްރީނުތައްވެސް ފަށާނެކަމަށެވެ.

އައިއޯއައިޖީގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން، ނަބީހާއާއި ނަބާހާވަނީ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. އަދި އެ މުބާރާތުގެ ކުރިން ވާދަކުރި މޮރިޝަސް ސީރީސް މުބާރާތުން އެއްމާބަނޑު ދެބެންވަނީ އަންހެން ޑަބަލްސުން ބްރޯންޒް މެޑަލް ހޯދާފައެވެ. މި މުބާރާތުގައި ދެބެން ބްރޯންޒް މެޑަލް ހޯދީ ދުނިޔޭގެ 60ވަނާގައި ރޭންކް ކުރެވިފައިވާ ދެ ކުޅުންތެރިން ބަލިކުރުމަށްފަހުއެވެ.

ނަބާހާއާއި ނަބީހާއަކީ ރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައިވެސް މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ދެ ކުޅުންތެރިންނެވެ.