ޚަބަރު

5 މިނެޓް ތެރޭގައި 5 މަރު، މުޅި ރާއްޖެއަށް ސިހުން!


ހދ. ނޮޅިވަރަންފަރުން ކޮންމެ ދުވަހަކުވެސް ހަނިމާދުއަށް އެކި ބޭނުންތަކަށް ދަތުރުކުރެއެވެ.
އެގޮތުން މިއަދުވެސް މާލެ ދިއުމަށްޓަކައި އެރަށުން ހަނިމާދޫއަށް އެކި ވަގުތުތަކުގައި މީހުންވަނީ ގޮސްފައެވެ. ނަމަވެސް މިއަދަކީ މުޅި ރާއްޖެއަށާއި، ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސާރަ ދުވަހަކަށްވުމުން ހަނިމާދޫއަށް އޮތް ޝެޑިއުލް ފްލައިޓްތައްވަނީ ކެންސަލްކޮށްފައެވެ.

މިއީ މޫސުން ގޯސްވާ ބައެއް ދުވަސްތަކުގައި ހިނގާ ކަމަކަމަށްވީނަމަވެސް މިއަދަކީ މުޅި ނޮޅިވަރަންފަރަށް ކަޅު ދުވަހަކަށްވެގެންދިޔައި މެންދުރުކުރި 11 ޖަހައި އެހާއިރު އެރަށުގެ އެންމެންގެ ލޯބި ލިބިފައިވާ އުނިމާގޭ އާއިލާއާއި އަވައްޓެރިން ހިމެނޭހެން 10 މީހުން ދަތުރުކުރި ލޯންޗު ބަންޑުންޖަހާލުމާގުޅިގެން 5 މީހުން މަރުވެ ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެންނެވެ.

ނޮޅިވަރަންފަރު ސުކޫލުގެ އެންމެ ގިނަދުވަސްވީ ޓީޗަރު، އުނިމާގެ ޙުސައިން ޢަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން މަރިޔަމް މަނިކެއާއި އެދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ ޢަބްދުﷲ އާއި އެންމެ 3 އަހަރުގެ މާމަ، ކާފަދަރިފުޅު ދަތުރުކުރި ލޯންޗު ބަންޑުންޖަހާލައި ހިނގި ހާދިސާގައި ނިޔާވުމަކީ ނޮޅިވަރަން ފަރުގެ އިތުރުން މުޅިރާއްޖެ ސިހުމަކަށް ގެނައި ހާދިސާއެކެވެ. މިހާދިސާގައި ދެން ނިޔާވެފައިވަނީވެސް ނޮޅިވަރަންފަރު ސްކޫލުގެ ޓީޗަރެކެވެ.

މިއަދު 11:30 ހާއިރު އެމީހުން ދަތުރުކުރި ލޯންޗު ހަނިމާދޫ ފަރަށް ބަނޑުންޖަހާލާފައިވާއިރު، ހަނިމާދުއާއި ނޮޅިވަރަމާއި ދޭތެރޭގައި އާންމުކޮށް ކުރަނީ 10 މިނެޓާއި 5 މިނެޓާ ދޭތެރޭގެ ދަތުރެކެެވެ. މިދަތުރުގައި އެންމެ ކަނޑުއޮޅިއެއް ހުރަސްކުރަންޖެހޭއިރު ބަނޑުންޖަހާލި ލޯންޗަކީ އާންމުގޮތެއްގައި އެދޭތެރޭގައި ދަތުރުކުރާ ކުޑަ ލޯންޗެކެވެ.

މި ހިތާމަވެރި ޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ނާއިބު ރައީސް ފައިޞަލް ނަސީމް ވަނީ ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. ހަމައެހެންމެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީވެސް ހިމެނޭހެން ދަޢުލަތުގެ ބައެއް ވަޒީރުންވެސް ވަނީ ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.

މި ޙާދިސާގެ މަޢުލޫމާތު ޙަބަރުތަކުގައި ފެތުރެންފެށުމާއެކު މުޅި ސޯޝަލް މީޑިއާއިން ފެނިގެންދިޔައީ ނޮޅިވަރަންފަރުގެ ރައްޔިތުންނަށް މި ލިބުނު ފުން ހިތާމައިގައި މުޅި ޤައުމު ބައިވެރިވެ، ތަޢުޒިޔާގެ މެސެޖްތަކުން ފުރަމުންދާ މަންޒަރެވެ. މިއަދަކީ މުޅި ރާއްޖެއަށްވެސް ހިތާމަވެރި ދުވަހެކެވެ.