ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރާތީ ލޯކަލް މާރުކޭޓުން ބައެއް ފަރާތްތަކަށް ޖާގަ ދޫކުރަނީ


ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރުމަށް ބަންދު ކުރާއިރު، އެތަނުގައި މިހާރުވެސް ޤަވާއިދާ އެއްގޮތަށް ވިޔަފާރިކުރަމުންދާ ދިވެހިންނަށް ލޯކަލް މާރުކޭޓު ސަރަޙައްދުން ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިމަސް ނިމުމުން ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރުމަށް ބަންދު ކުރުމަށް ރާވާފައިވާ އިރު، އެތަން އެއްކޮށް ހުސްކުރުމަށް 7 ވަރަކަށް ދުވަސް ނަގާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ދަތުރުވެރިންގެ މާރުކޭޓުގައި މިހާރުވެސް ޤަވާއިދާ އެއްގޮތަށް ވިޔަފާރި ކުރަމުންދާ ގާތްގަނޑަކަށް 30 ހަކަށް ދިވެހިންނަށް ލޯކަލް މާރުކޭޓު ސަރައްދުގައި ޓެންޓެއް ޖެހުމަށްފަހު ވިޔަފާރި ކުރުމަށް ގޮޅި ދޫކުރުމަށް ހަމަޖެހިވެފައިވާ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓް އިތުރަށް ތަރައްޤީކުރުމަށް ބަންދު ކުރާއިރު، އެތަން އަލުން ހުޅުވުމަށް މަހެއްހާ ދުވަސް ނަގާނެކަމަށް މާލެ ސިޓީ ކައުންސިލުން ލަފާކުރެއެވެ.

ދަތުރުވެރިންގެ މާރުކޭޓް ތަރައްޤީކޮށް ނިމުމާއެކު އެތަނުގައި ހުންނަ ގޮޅިތައް މަދުވާނެކަމަށާއި އެގޮތުން އެތަނުގައި ހުންނާނީ 63 ގޮޅިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ސިޓީ ކައުންސިލުން ބުނީ ގޮޅިތައް މަދުވިޔަސް، ޖާގައިގެ ގޮތުން ގޮޅިތައް ބޮޑުވާނޭކަމަށެވެ.

ގޮޅިތަކުގެ ބޮޑުމިނުގައި 8 ފޫޓާއި 10 ފޫޓް ހުންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިހާރު މާރުކޭޓްގެ ގޮޅިއެއްގައި ހުންނަނީ 4 ފޫޓާއި 7 ފޫޓެވެ. އަލަށް ތަރައްޤީކުރާ މާރުކޭޓްގައި ހިނގާ މަގުތައްވެސް ފުޅާވާނެކަމަށް ކައުންސިލުން ބުނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ މާރުކޭޓުގައި ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ވިއްކަމުންދާއިރު، އެތަކެތިން މީގެފަހުން ޓެކްސް ނެގޭނެ ކަމަަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު 160 ގޮޅި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަމުންދަނީ ފަންސާހަކަށް ދިވެހިންނެވެ. މި ފަރާތްތަކަށް ދީފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާކަމަށާއި ބައެއް ފަރާތްތައް އެގްރީމަންޓް އާކޮށްފައިވީނަމަވެސް އެކަން ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.