ޚަބަރު

ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި ހުށައެޅުނު މައްސަލަތަކުގައި އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި


ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި ހުށައަޅާފައިވާ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ 2010 ވަނަ އަހަރުން ފެށިގެން މިހިނގާ 2019 ވަނަ އަހަރާ ހަމައަށް އެސަރވިސަށް ހުށައެޅުނު 689 މައްސަލައެއްގައި ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެވުނު 8627 ބަނގުރާ ބަންދުކުރި ފުޅި އާއި ދަޅާއި އެނޫންވެސް ތަކެތިކަމަށެވެ.

މިއަދު މި ނައްތާލެވުނު ބަނގުރަލުގެ މަގުމަތީ އަގު، ތިން މިލިޔަން ފައްސަތޭކަ އަށާވީސް ހާސް ރުފިޔާއަށް އަރާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ މަސްތުވާތަކެތި ނައްތާލަނީ ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ 5 މެމްބަރުން ހިމެނޭ ކޮމެޓީއަކުން ބެލުމަށްފަހުގައެވެ.

އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާ މައްސަލަތަކުގެ ތެރެއިން ޝަރީއަތުގެ އެކި މަރުހަލާތައް ނިމިފައިވާ މަސްތުވާތަކެތީގެ ބަރުދަނަށް ބަލައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކުރެވޭ މިންވަރުގެ 2 ގުނަ ބެހެއްޓުމަށްފަހު ބާކީ މަސްތުވާތަކެތި ނައްތާލައެވެ.