ކުޅިވަރު

ދެބެންގެ އުންމީދަކީ 2020ޓޯކްޔޯ އޮލީމްޕިކްސްއަށް ކޮލިފައިވުން - ނަބީހާ


ކެރިއަރުގައި މިހާރު ހާސިލްކުރަން ބޭނުންވާ ޓާގެޓަކީ، އަންނަ އަހަރުގެ ޓޮކްޔޯ އޮލީމްޕިކްސްއަށް ކޮލިފައިވެ، ފުރަތަމަ ފަހަރަށް ވަރލްޑް އޮލީމްޕިކްސް ގޭމްސްއަށް ކޮލިފައިވާ ދިވެހި އެތްލީޓުގެ ޝަރަފް ހޯދުން ކަމަށް، ބައިނަލްއަޤްވާމީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރާއްޖެއަށް ބެޑްމިންޓަންއިން ރަންމެޑަލް ހޯދައިދިން އެތްލީޓް ފާތިމަތު ނަބީހާ ޢަބްދުލްރައްޒާގް ބުނެފިއެވެ.

ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ނަބީހާ ބުނީ، 2016ވަނަ އަހަރުން ފެށިގެން ދެބެން އެކުގައި އޮލީމްޕިކްސްއަށް ކޮލިފައިވުމުގެ ހުވަފެން ދެކެމުން އަންނަ ކަމަށާއި، ބެޑްމިންޓަން އެސޯސިއޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމަކާއިއެކު މިހާރު ރަނގަޅު ޕްލޭނެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށެވެ.

ނަބީހާ ބުނީ 2016ވަނަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ޖަޕާނަށް ދެބެން އެކުގައި ޓްރެއިންގ ޕްރޮގްރާމް އަކަށްގޮސް، ޖަޕާނުގެ ކޯޗުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެކުގައި، ސީދާ ކޮލިފައިވެގެން އޮލީމްޕިކްސްގައި ވާދަކުރާ ފުރަތަމަ އެތްލީޓުންނަށް ވުމަށް ދެބެން އެކުގައި އަޒުމް ކަނޑައެޅިކަމަށެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ލިބުނު ބޮޑު ކާމިޔާބީއާއިއެކު ބޮޑު ހިތްވަރެއް ލިބުނު ކަމަށާއި، އެއާއިއެކު އެސޯސިއޭޝަން އާއި މަޝްވަރާކޮށް މިއަހަރުގެ ބާކީއޮތްތަނުގައި ރޭންކިން ކަވަރކުރާ 5 ނުވަތަ 6 މުބާރާތުގައި ވާދަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ އިތުރުން މިއަހަރުގެ ތެރޭގައި މުޅި ޖުމްލަ 8 މުބާރާތުގައި ވާދަކުރުމަށް ޕްލޭން އެކުލަވާލަމުންދާ ކަމަށްވެސް ނަބީހާ ބުންޏެވެ.

ނަބީހާ ބުނީ މި ޕްލޭންގެ ދަށުން އެންމެ އަވަހަށް ވާދަކުރާނީ އަންނަ މަހު ރާއްޖޭގައި އޮންނަ އިންޓަނޭޝަނަލް ދެ މުބާރާތުގައި ކަމަށްވެސް ނަބީހާ ބުންޏެވެ.

ނަބީހާ ބުނީ، އަތަށް ލިބިފައިވާ އަނިޔާއިން މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، އަނިޔާއިން އެއްކޮށް ރަނގަޅު ވީހާ އަވަހަކަށް، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ އިތުރުން އިންޑިވިޖުލް ޓްރެއިނިންތައްވެސް ފަށާނެކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ނަބީހާ ރަން މެޑަލް ހާސިލްކުރުމުގެ އިތުރުން ނަބީހާ އާއި ނަބާހާގެ ޕެއާއިން ވަނީ އަންހެން ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދާފައެވެ. އަދި އައި.އޯ.އައި.ޖީގެ ކުރިން ވާދަކުރި މޮރީޝަސް ސީރީސް މުބާރާތުން އެއްމާބަނޑު ދެބެންގެ ޕެއާއިން ވަނީ އަންހެން ޑަބަލްސްއިން ބްރޯންޒް މެޑަލް ހޯދާފައެވެ. މިމުބާރާތުގައި ދެބެންގެ ޕެއާއިން ބްރީންޒް މެޑަލް ހޯދީ ދުނިޔޭގެ 60 ވަނާގައި ރޭންކް ކުރެވިފައިވާ ޕެއާ ބަލިކުރުމަށްފަހުއެވެ.

ނަބާހާ އާއި ނަބީހާއަކީ ރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައިވެސް މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ދެ އެތްލީޓުންނެވެ.