ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ އައްޑޫސިޓީގެ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ފެށިގެން ދިޔަ ބައިނަލް އަޤްވާމީ 5 ވަނަ ޓީޗާސް ކޮންފަރެންސް ހުޅުވުމުގެ ރަސްމީއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ނައިބް ރައީސް ވިދާޅުވި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަޢުލީމީ ދައިރާއަށް ބޮޑެތި ކުރިއެރުން ތަކެއް އައިސްފައި ވީނަމަވެސް އަދިވެސް ގިނަ ލަނޑުދަނޑިތަކެއް ޙާޞިލްކުރަން ޖެހޭ ކަމަށެވެ. އަދި ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ތަޢުލީމީ ނިޒާމުގެ ތެރެއިން ލިބެން ޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
ނައިބް ރައީސް ފާހަގަ ކުރެއްވި ގޮތުގައި ތަޢުލީމީ ނިޒާމުގައި ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތު ތަކެއް ހޯދައިދޭ ނިޒާމުގެ ތެރެއިން އެންމެ މޮޅު ދަރިވަރާއި، ކިޔެވުމުގައި ދަތިތަކެއް ކުރިމަތިވާ ދަރިވަރަށްވެސް، އެކަށިގެންވާ ފެންވަރުގެ ފަހި ފުރުޞަތެއް
ދިނުން މުހިއްމުކަމުގައެވެ. އަދި މިފަދަ ދަރިވަރުން ޝައުޤުވެރިކަން ހުރި ރޮނގަކުން ފުރުސަތު ހޯދައިދީ ބަދަލުވަމުންދާ ދުނިޔޭގައި ފައިހަމަ ކުރެވޭނެ ދަރިވަރަކަށް ހެދުން މުހިންމު ކަމަށެވެ.
މިކަންކަން ދުނިޔޭގެ ތަޢުލީމީ ދައިރާ އެންމެ ކުރިއަރާފައިވާ ޤައުމު ތަކުން ފާހަގަކުރެވިގެން ދާކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ޤައުމުތަކުގައި ބޭނުންކުރަމުން ގެންދާ ތަޢުލީމީ މަންހަޖުތައް ދިރާސާކޮށް، ދަރިވަރުންގެ ކުރިއެރުމަށްޓަކައި މިފަދަ މަންހަޖުތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު މިއަހަރު ފިންލޭންޑަށް ކުރެއްވި ދަތުރުފުޅުގައި ފިންލޭންޑުގެ ތަޢުލީމީ ނިޒާމުން ފާހަގަ ކުރެވުނު ކަންކަން ވަނީ ޙިއްޞާ ކޮށްދެއްވާފައެވެ.
އައްޑޫސިޓީގައި ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންފަރެންސްގައި ޖުމްލަ 250 ފަރާތަކުން ބައިވެރިއެވެ. އަދި މިިކޮންފަރެންސަށް 98 ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އެން އެން.އައި.އީން މައުލޫމާތު ދިން ގޮތުގައި މިކޮންފަރެންސް ގާތްގަނޑަކަށް %20 ބައިވެރިންނަކީ ބޭރު ޤައުމު ތަކުން ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކެވެ.
މިކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރާ ޤައުމީ ފެންވަރުގެ އިތުރުން ފަރުދީ ފެންވަރުގައި ބައިވެރިވުން އިތުރުކޮށް، ތަޢުލީމީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުގެ ޚިޔާލާއި ފަންނީ މަޝްވަރާ ޙިއްޞާކުރުމަށް އެކަށޭނަ މާހައުލެއް ޤާއިމްކޮށްދިނުމެވެ.