ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރިއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރިއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަފަރިއަށް ވަޑައިގެންނެވުމުން އެރަށުގެ އާންމު ރައްޔިތުންނާއި، ކައުންސިލަރުންގެ އިތުރުން ސަރުކާރުގެ އިދާރާތަކެ ބޭފުޅުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ކުޑަފަރީ ސުކޫލުންވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޑަފަރީއަށް ކުރައްވާ މިދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްރިއްޔާ ކުޑަފަރީއަށް ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެއެވެ. މިޖަލްސާ އޮންނާނީ މިރޭ ކުޑަފަރީ ސުކޫލުގައެވެ.

ރައީސް ޞާލިޙް ކުޑަފަރިއަށް މި ވަޑައިގެންނެވީ ނ. މިލަދޫއަށް ވަޑައިގެން އެރަށު ހިދާޔާ ސްކޫލަށް 50 އަހަރު ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްފަހުގައެވެ.

މީގެ އިތުރު ރައީސް ވަނީ މިލަދޫ އާއި ނ. މަގޫދޫ ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ކުޑަފަރި އަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ މިލަދުންމަޑުލު ދެކުނުބުރީގެ ތިން ވަނަ ރަށެވެ. އެމަނިކުފާނުވަނީ މިދިޔަ ޑިސެމްބަރު މަހު ނ. ހެނބަދުއަށް ވަޑައިގަންނަވައި އެރަށުގައި އަމިއްލަ ފަރާތަކުން ތަރައްޤީކޮށްފައިވާ ނަރުދަމާ ނިޒާމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.