ޚަބަރު

ފުލުހުން، ރައީސް ނަޝީދަށް ފާރަލާކަމަށް ދަންނަވާފައެއް ނުވާނެ - އެމްއެންޑީއެފް


ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް ދަންނަވާފައި ނުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ޤައުމީ ދިފާޢީ ބާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވަކި ބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށެވެ. އެގޮތުން އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެން މަސައްކަތްކުރައްވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި އެނޫން ފަރާތަކުން ނަމަވެސް ޤައުމީ ދިފާޢީ ބާރުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވިއެވެ. އެހެން ނަމަވެސް، އޯޕަން ސޯސްތަކުން ނަމަވެސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަޤީންކަން ޤައުމީ ދިފާޢީ ބާރުންވަނީ ރައްޔިތުންނަށް އަރުވާފައެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މީގެ ތިން ދުވަސް ކުރިން ފުލުހުން އެމަނިކުފާނަށް ފާރަލައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލުމުގެ ސަބަބުން، އެކަމުން އެހެން ނަތީޖާއެއް ނިކުމެދާނެކަމަށް ޤަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް ރިޟުވާނުގެ މަރާއި ގުޅިގެން ދައްކަވަމުން ގެންދަވާ ވާހަކަތައް ދެއްކުން ހުއްޓާނުލައްވާނެކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުއްވި ބަޔާނެއްގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މިވަގުތު ނުރައްކަލެއް އޮތްކަމަށް ފާހަގަކުރެވިފައި ނުވާކަމަށް ވިދާޅުވެފައެވެ. ފުލުހުން ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެމް.އެން.ޑީ.އެފް އާއި ވިލަރެސްކޮށްގެން ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންގެންދަވާކަމަށެވެ. އަދި އެގޮތަށް މަސައްކަތްކުރާއިރު، މަސައްކަތްކުރައްވަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.