އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮއްގެން ޕާލަމެންޓަރީ އެޑިއުކޭޝަން ސެމިނާއެއް ބާއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ކުރިއަށް ގެންދިޔަ ސެމިނާގައި 185 ކުދިން ބައިވެރިވެފައިވެއެވެ. އައްޑޫސިޓީ ޝަރަފުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ މިސެމިނާގެ މަޤްޞަދަކީ، ސްކޫލްތަކުގެ ދަރިވަރުންނަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތުދީ މަޖިލީހުގައި، ޤާނޫނު އަސާސީއާއި ޤާނޫނުގައި ލިބިދީފައިވާ ހައްޤުތަކާއި ގުޅޭގޮތުން ސްކޫލު ދަރިވަރުންނަށް މަޢުލޫމާތު ދިނުން ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.
ޝަރަފުއްދީން ސްކޫލު ހޯލުގައި މިއަދު ހެނދުނު މި ސެމިނާ ފައްޓަވައި ދެއްވީ އައްޑޫ ހައިސްކޫލުގެ ޕްރިންސިޕަލް އަދި އައްޑޫ ސްކޫލްސް ހެޑް އިބްރާހީމް ނަދީމެވެ. ސެމިނާ ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ، ގިނަ ފަހަރަށް ރައްޔިތުންގެ މަޖިލީސް އެންމެންނަށްވެސް ސިފަ ވެފައި އޮންނަނީ، ހަމަ އެކަނި ޖަލްސާތައް ބާއްވައި ޤާނޫނު ހަދާ ބަހުސް ކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން އެތަނުގައި ވަރަށް ގިނަ މަސައްކަތް ކުރެވޭ ކަމަށާއި މުސްތަޤްބަލުގައި މަޖިލީހަށް ދާން ބޭނުން ކުދިންނަށް ވެސް މިފަދަ ސެޝަނެއްގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވެގެން ދާނެ ކަމަށެވެ.
މިސެމިނާ އާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ލީގަލް އެފެއާސް ޑިރެކްޓަރ އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މިފަދަ ސެމިނާއެއް މަޖިލީހުން ނުބާއްވާތާ ގިނަ ދުވަސްވެފައި ވާއިރު އައްޑޫއިން މިފެށި ސެމިނާ އަކީ ފެށުމެއް ކަމަށެވެ.
"އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިފަދަ ސެމިނާއެއް ބާއއްވާފައިވަނީ 2008 ވަނަ އަހަރު. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ލީޑާޝިޕް ގެ ވިސްނުން ހުރީ މިސެމިނާ ސިލްސިލާކޮށް ކޮންމެ އަހަރެއްގައި ވެސް ކުރިއަށް ގެންދަން. އެހެންކަމުން މިސެމިނާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އޮތްތާ ގެންދާނެ. މިއީ އިރާދަ ކުރެއްވީޔާ ފެށުމެއް، ސްކޫލު ދަރިވަރުން މަޖިލީހަށް އަހުލުވެރި ކުރުމަށް. " ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ އިދާރާގެ ފަރާތުން ކުރިއަށް ގެންދާ މިސެމިނާގައި ސާނަވީ އަދި މަތީ ސާނަވީ ސްކޫލްތަކުން ބައިވެރިވެއެވެ. މިސެމިނާގައި ޤާނޫނު އަސާސީ އާއި މަޖިލީހުގެ ތާރީޙާއި މަޖިލީހުގައި މީގެ ކުރީން ކަންކަން ކުރިއަށް ގެންދިޔަ ގޮތާއި މިހާރު އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ދަރިވަރރުންނަށް މަޢުލޫމާތުދީފައިވެއެވެ. މީގެ އިތުރުން ޤާނޫނު އަސާސީ އާއި ޤަނޫން ލިބިދީފައިވާ ހައްޤުތަކާއި ބެހޭ ގޮތުންވެސް ވަނީ މަޢޫލޫމާތު ދީފައެވެ.