ރާއްޖޭގެ އެހެން ރައްތަކެކޭ އެއްފަދައިން އައްޑޫގެ ރައްޔިތުންނަކީވެސް އެކި މުނާސަބަތު ތަކާއި ގުޅުވައި ދަތުރުދިއުމާއި، އެކި ދިމާދިމާލަށް މޫދަށް އެރިލުމަށް ގޮސް އުޅޭ ބައެކެވެ. އާންމުކޮށް ހުކުރު ނުވަތަ ބަަންދު ދުވަސް ދުވަހު ހަނކެޑެ ބްރިޖް ސަރަހައްދު ދަތުރު ގޮސް މީހުން ފުރާލައެވެ.
ނަމަވެސް މިއަދު އައްޑޫ ރައްޔިތުން މިއަދު ނިކުތީ މުޅިންވެސް ތަފާތު ސަބަބަކާއި އެކުގައެވެ. މިއަދު ފެނަކައިން 7 ގަޑިއިރަށް ކަރަންޓު ކަނޑާނެ ވާހަކަ އެންގުމުން ގިނަ މީހުން ތައްޔާރު ވާން ފެށީ މޫދަށް ދިއުމަށެވެ. ދުވާލު ގަޑީ ކަރަންޓު ކަނޑާލުމުން، ހޫނު ވާނެ ކަމަށް ބަލައި ގިނަ މީހުން ދިޔައީ އެބަޔަކަށް ދެވުނު ދިމާލަކަށް މޫދަށް އެރި ލުމަށެވެ. މިކަން އެކި މީހުން ސިފަ ކުރީ އެކޮ ގޮތް ގޮތަށެވެ. ބައެއް މީހުންނަށް މިއީ ރަންގަޅު ކަމެއްގެ ގޮތުގައި ފެނުނު އިރު، ޢިޖްތިމާޢީ ގުޅުން ބަދަހިވާ ކަހަލަ ކަމެއްގެ ގޮތުގައި ގިނަ މީހުން މިކަން ސިފަ ކުރިއެވެ. އަދި މިފަދަ ކަމެއް ކައުންސިލުން މަހަކު އެއްފަހަރު ކަރަންޓު ކަނޑާލައިގެންވެސް ކުރުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ ގޮވާލާފައެވެ.
ނަމަވެސް ބައެއް މީހުން މިގޮތަށް ދާން ޖެހުމުން ކަންބޮޑުވުން ވެސް ވަނީ ފާޅު ކޮއްފައެވެ. އެގޮތުން ޕީއެސްއެމް އާއި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ، މިއީ ރަންގަޅު ކަމެއް ނަމަވެސް ކަރަންޓު ކެނޑުމުގެ ސަބަބުން ދެން އިތުރު ގޮތެއް ނެތި ހޫނު ގަދަ މެނދުރު އަވީގައި ގޭގައި ނުތިބުމަށް އައީ ކަމަށެވެ. އަދި މިގޮތަށް އައުމަށް ބައެއް މީހުން ހިތްހަމަ ވެސް ނުޖެހެއެވެ.
ކޮންމެ ގޮތަކަށް މިކަން އޮތަސް އައްޑޫގެ ގިނަ ރައްޔިތުން މިއަދު ވަނީ ގެއިން ނިކުމެ އެކި ދިމާލަށް ގޮސްފައެވެ. ބައެއް ފަރާތްތަކުން ސިފަ ކުރި ގޮތުގައި އައްޑޫގެ ދެބައި ކުޅަ އެއްބައި މިއަދު ދިޔައީ ދަތުރުއެވެ. އަދި މިކަން ގިނަ ފަރާތްތަކަށްވީ އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮއްލެވުނު ކަމެއްގެ ގޮތުގައެވެ.
ކަރަންޓު ކެނޑިތާ 3 ގަޑިއިރުތެރޭ މައްސަލަ ހައްލުކޮށް ފެނަކައިން ކަރަންޓު ދޭން ވަނީ ފަށާފައެވެ. އަދި ގާތްގަނޑަކަށް 5 ގަޑިއިރު ތެރޭ އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކަށް ކަރަންޓު ޙިދުމަތް ވަނީ ފޯރު ކޮއްދީފައެވެ. ޒަމާނީ އެކި ވަސީލަތްތަކާއި ދުރަށް މިފަދަ ގޮތަކަށް ނިކުމެލަން އެންމެން ވެސް ބޭނުންވެއެވެ.