ޚަބަރު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކެޔޮދޫގައި ސަޤާފީ ކެއުމަކާއެކު މިޔުޒިކް ޝޯއެއް ބާއްވައިފި


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. ކެޔޮދޫގައި ސަޤާފީ ކެއުމަކާއެކު ލަވަޔާ މިޔުޒިކް ޝޯއެއް ބާއްވައިފިއެެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެޔޮދޫގައި ބޭއްވި ކޭނޯ ރޭހަށްފަހު ރޭވަނީ ޚާއްސަ ސަޤާފީ ކެއުމެއް ބާއްވާފައެވެ. ދިވެހި ސަޤާފަތާއި ދިވެހި ހެދުމުގައި ކުރިއަށްގެންދިޔަ މި ހަރަކާތް ފެށިގެންދިޔައީ ހަރަކާތް ބާއްވާ ސަރަހައްދަށް ނާއިބުރައީސް ވަޑައިގަތުމާއެކު ސަންގުފުމުމުންނެވެ.

ނާއިބުރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރ އާއިޝަތުއަލީގެ އިތުރުން ޖެންޑަރ މިނިސްޓަރާއި، ރައީސް އޮފީހުގެ ބައެއް ވަޒީރުންނާ، ކެޔޮދޫގެ ގިނައަދަދެއްގެ އާންމުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުވަނީ ރައްޔިތުންނާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރުކާރުން ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހިންގާ ހަރަކާތްތައް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުންދިނުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ސަރުކާރުން ނިންމަވާފައިވާތީ ސީދާ މިނިސްޓަރުވެސް އަމަލީގޮތުން އެކަމުގައި ވައިވެރިވާނެކަމުގައި ވިދާޅުވިއެވެ.


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެޔޮދޫގައި ބޭއްވި ޙަފްލާގައި ކެޔޮދޫގެ ރައްޔިތުންގެ ފަރާތުން ހުށައެޅި ސަގާފީ އައިޓަމްތަކާއި، ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ހުށައެޅުންތައްވެސް ފެނިގެންދިޔައެވެ. މި ހަރަކާތް ނިންމާލާފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކުންނެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަސް ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އިރު، މިފަހަރު ތަފާތު 7 ހަރަކާތެއް 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވިއެވެ.