ޚަބަރު

ބާ ކައުންސިލްގެ ބައި-އިލެކްޝަން ފަށައިފި


ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން ފަށައިފިއެވެ.

ބާ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ވަކީލަކު ހޮވުމަށް ބާއްވާ ބައިއިލެކްޝަން ކުރިއަށްދަނީ މިއަދު ހެނދުނު 9:00އިން މެދުރުފަހު 15:00ގެ ނިޔަލަށް ބައު ޖަމާލުއްދީންގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކާރުގައެވެ. ބާކައުންސިލްގެ ހުސްވެފައިވާ މެންބަރުކަމަށް ވާދަކުރައްވަނީ ނ.މާފަރު އީޓުޖެހިގޭ އަބްދުއްސަލާމް އާރިފްއާ، މ.ފިނިވާގެ ނޫރުބާން ފަހުމީއެވެ. މިބައިއިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންނަށް ވޯޓުލުމަށް ބައު ޖަމާލުއްދީނުގައި ދެ ވޯޓް ފޮށި ބަހައްޓާފައެވެ.

ބާ ކައުންސިލްގެ މެމްބަރެއްގެ ގޮނޑި ހުސްވެފައިވަނީ އެ ކައުންސިލަށް ފުރަތަމަ އިންތިޚާބުކުރި ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢާއިޝަތު ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ ގުޅިގެން އެކަމަނާ ބާކައުންސިލްގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލްގެ ފުރަތަމަ އިންތިޚާބު ބޭއްވީ މިދިޔަ ޖުލައި މަހުއެވެ.