ޚަބަރު

މިނިސްޓަރ ޝާހިދު، ޗައިނާގެ ޤައުމީ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި


ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފޮރިން މިނިސްޓަރ ވާންގް ޔީ އަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރ ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެސެޖްގައި ދިވެހިރާއްޖޭގެ ސަރުކާރައި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ހަތްދިހަ ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް އަދި ފޮރިން މިނިސްޓަރަށް އަރިސްކުރެއްވިއެވެ.

ޗައިނާގެ އަހަރީ ދުވަސް ނުވަތަ 70 ވަނަ ޤައުމީދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކަކީ އެޤައުމުގެ ފަސްހާސް އަހަރުވީ ޒަމާންވީ ތާރީޚުގެ ތެރެިން ފާހަގަކުރެވޭނެ ހަރާކާތެއްގެ ގޮތުގައި ސިފަކުރައްވައި މިނިސްޓަރ ޝާހިދުވަނީ ވޭތުވެދިޔަ 70 އަހަރުގެ ތެރޭގައި ޗައިނާ ހޯދާފައިވާ އިގްތިސާދީ، އަދި އިޖްތިމާއީ ކުރިއެރުމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއްކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ތަރައްޤީގައި ޗައިނާއަކީ އަބަދުމެ ގާތްބައިވެރިއެއްގެ ގޮތުގައި އޮންނަން ޤައުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއާ ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވުނުތާ 47 އަހަރު ފުރުން ފާހަގަކުރާނެކަމަށާއި، މިފަދަ ދުވަހެއް ފާހަގަކުރާއިރު ރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާއިން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމައްޓަކައި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.