ޚަބަރު

ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުން ދީނީ އިލްމުވެރިން ކުށްވެރިވާނެ ގޮތެއް ނޯންނާނެ - ޝަރީފް


ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރަން އިލްމުވެރިން ކުރާ މަސައްކަތްތަކަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ސަރުކާރުން އެދުނު ކަންކަމަށް ރިއާޔަތްކޮށް، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙްގެނައީ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިވަގުތަށް މުހިއްމުކަމެއްގެ ގޮތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށްވެސް ޤަބޫލުކުރޭވޭތީކަމަށެވެ. އެގޮތުން ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދަގޮތަކަށް އިސްލާޙްތައް ގެނައުމަށް ޚާއްސަ އިސްކަމެއްދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނަށް ގެނައި އިސްލާޙްތަކާ ގުޅިގެން ތަފާތު ވާހަކަތަކެއް ފެތުރެމުންދިޔަ ނަމަވެސް، އެޤާނޫނު މަޖިލީހުން ފާސްކުރީ ސިޔާސީ ޚިޔާލު ފާޅުކުރުމާއި ދީނީ ފަތުވާއާއި، ވައުޟު ބުނާ ފަރާތްތައް ކުށްވެރިވާފަދަ ގޮތަކަށް ނޫންކަމަށެވެ.

"އަޅުގަނޑުމެންނާހަމައަށް ވަރަށް ތަފާތު ޚިޔާލުތައްއައި، ވަރަށް ބޮޑެތި ކަންބޮޑުވުންތައްވެސް އައި. އަޅުގަނޑުމެން އެހުރިހާކަމަކަށްވެެސް ރިޢާޔަތްކޮށް، އެއްގޮތަކަށްވެސް ޚިޔާލެއް ފާޅުކޮށްގެން ނުވަތަ ދީނީ ނަސޭޙަތެއް ދީގެން، ނޫނިއްޔާ ޚުތުބާއެއް މީހަކު ކުށްވެރިނުވާނެ މިންވަރަށްބަލައި އެހުރިހާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ފަރުމާކޮށްފައިއޮތީ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޓެރަރިޒަމް ޤާނޫނު ކުރިންއޮތީ ވަރަށް ފުޅާކޮށްކަމަށާއި، އޭގެ ސަބަބުން ބައެއް ފަރާތްތަކަށް ޓެރަރިޒަމްގެ ދައުވާކުރާއިރު އެންމެ އެކަށީގެންވާ އުސޫލުތަކެއް ނެތްނަމަވެސް، އަލަށް ގެނައި އިސްލާޙުތަކުގައި ޓެރަރިޒަމްގެ ކުށުގެ ގޮތުގައި ބެލޭނެކަންކަން ތަފްސީލުގޮތެއްގައި ހިމަނާފައިވާނެކަމަށެވެ.

"ސަރުކާރަށް ކަމެއް މަޖުބޫރުކުރުމައްޓައި، ގަސްތުގައި ނުވަތަ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމައްޓަކައި، މީހަކު މަރާލީ، މީހެއްގެ ތަނެއްގައި ރޯކޮއްލީ، ހަތިޔާރު ގެންގުޅުނީ، ބަޑިޖެހީ، ނުރައްކާތެރި ހަތިޔާރުގެ ބޭނުންކުރީ، ބޮންގޮއްވީ ގޮވާތަކެތި އުފެއްދީ،. މިފަދަ ކަމެއް ކޮށްފިއްޔާއެީ ޓެރަރިޒަމްގެ ކުށެއް" އިބްރާހީމް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ޤާނޫނުގެ ދަށުން ނުރައްކާތެރި ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޖަމާއަތްތަކުގެ ނިޝާން ޖަހައިގެން ހަރަކާތްތެރިވުމަކީ މިޤާނޫނުން މަނާކުރާ ކަމެއްކަމަށެވެ. އަދި އެފަދަ ނުރައްކާތެރި ޖަމާޢާތްތަކަށް ތާޢީދުކޮށް ސޯޝަލް މީޑިއާއާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މުޖުތަމަޢުގައި ވާހަކަދެއްކުމަކީވެސް މަނާކަމެއްކަމަށެވެ.

ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމަތަކަށް ދިއުމާއި އެފަދަކަންކަމަކީ މަނާކަމެއްކަން މިހާރު ޤާނޫނުގައި ހިމަނާފައިވާނެކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ޤާނޫނުން އެފަދަ ކަންކަން މަނާކުރުމުން ރައްޔިތުން އެކަމަށް ހޭލުންތެރިވެ އެކަންކަމާމެދު އިތުރަށް ވިސްނާނެކަމަށެވެ.

ޓެރަރިޒަމްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާއެކު މަޖިލީހުން އެޤާނޫނުގެ ބިލް ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.