ޚަބަރު

ގުޅީފަޅުގެ ފްލެޓްތަކުގެ މައްސަލައަށް އަވަސް ހައްލެއްގެންނަން ސަރުކާރުން އިސްކަންދޭ - ރައީސް


"ގުޅީފަޅު މަޝްރޫޢު"ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ، އަދި އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެެވެ.

ރައީސުލް ޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، "ގުޅީފަޅު މަޝްރޫޢު" ގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވަމުންނެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ގުޅީފަޅު މަޝްރޫޢުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ފަރާތުންވަނީ، މި މައްސަލައަށް ޙައްލެއް ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަން ފާހަގަކޮށް، މިކަމުގެ ސަބަބުން ކުރިމަތިވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާ ކުރައްވާފައެވެ.

އެ ފަރާތްތަކުން ޙިއްޞާ ކުރެއްވި ކަންބޮޑުވުންތަކާއި، މިކަމުގައި އެދިވަޑައިގަންނަވާ ގޮތްތައް އޮޅުންފިލުއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ މި މައްސަލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ، މި މައްސަލައަށް ދާއިމީ އަދި އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް ވިދާޅުވެފައެވެ. އަދި، މިކަމުގައި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތައް ބައްލަވާދެއްވާނެ ކަމަށާއި، މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވެންދެން މި ކަމާއި ގުޅިގެން ކުރައްވަންޖެހޭ ކަންތައްތައް މީގެ ފަހުން ކުރިއަށް ގެންދަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެއްލެވުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ.